ޕާޓީގައި ގޮފި އުފެއްދުން އަސާސީ ޤަވާޢިދާއި ޚިލާފު ނޫން ކަމަށާއި އަދި ގޮފި އުފެއްދުމަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް ހިންގާ ޙަރަކާތެއް ކަމަށް ޕާޓީގެ ފަރާތުން ނުދެކޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު އައްޔަން ކުރުމަށް ބޭއްވި ޕްރައިމަރީގެ ދާއިމީ ނަތީޖާ ޢިއުލާނުކުރުމަށް ޕްރައިމަރީއަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ވާހަކަދައްކަވަމުން އިބުރޭ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާޢިދުގެ ދަށުން ފިކުރީ ގޮފިތައްވެސް ޕާޓީގެ ތެރޭގައި ހެދޭނެ ކަމަށެވެ.

އެހެންނަމަވެސް ގޮފި ހިންގަނީ އަސާސީ ޤަވާޢިދާއި އެއްގޮތައްތޯ ބަލާނެ ކަމަަށް އޭނާ ވިދާޅުވިއެވެ. ފިކުރީ ގޮފީގައި ވަކި ދާއިރާއެއްގެ މެންބަރުން ތިބުން ލާޒިމު ނުވާ ކަމަށާއި ފިކުރަށް ތާޢީދުކުރާ އެންމެންނަށްވެސް އެ ގޮފީގައި ބައިވެރި ވެވޭނެކަން އިބުރޭ ފާހަގަކުރެއްވިއެވެ.

" ގޮތްޕެއް އުފެއްދުން ނުބަލަން އެއީ ކެންޑިޑޭޓާއި ދެކޮޅަށް ކަމެއް ކުރުންކަމަށް. އެހެން ނަމަވެސް އެ ގޮފި އުފައްދައިގެން ކުރާ ކަންކަން ބަލައި އިދިކޮޅުކަމެއް ހިންގަންޏާ ފިޔަވަޅު އަޅާނަން. އަދި އެހިސާބަށް ވިސްނާކަށް ނުޖެހެ. އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީގެ ރައީސް ޕާޓީގެ ކެންޑިޑޭޓާއި ދެކޮޅަށް ޙަރަކާތެއް ހިންގާނެކަމަކަށް."
ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު

ގޮތްޕެއް ގޮތުގައި ގެންނަންޏާ އެ ގޮފި ޕާޓީގެ ގޮތްޕެއްގޮތުގައި ރަޖިސްޓްރީކޮށްދޭނެ ކަމަށާއި ކެންޑިޑޭޓާއި ދެކޮޅު ޙަރަކާތެއްގެ މައްސަލައެއް އުޅޭނަމަ ޤަވާޢިދުގެ ތެރެއިން އެމައްސަލަ ޙައްލުކުރާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުކުރެއްވުމުގައި އިބުރޭ ދެއްވިއެވެ.

އެމްޑީޕީން މިއަދު އާއްމުކުރި ޕާޓީގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ކެންޑިޑޭޓު ނަންބަރު 1 މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 38.90 އިންސައްތައެވެ. އަދި ކެންޑިޑޭޓު ނަންބަރު 2 ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 24،566ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 61.10 އިންސައްތައެވެ.

ޕާޓީގައި ގޮވި އުފެއްދުން އަސާސީ ޤަވާޢިދާއި ޚިލާފު ނޫންކަމަށް އިބްރޭ ވިދާޅުވިއިރު "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮތްޕެއް އުފައްދަން ފޯމުތަކެއް ފުރަން ހިންގި ކެމްޕޭން "ފިކުރެއްގެ ދިރުން" ފެކްޝަނެއް އުފެއްދުމަށް ފޯމު ފުރާ ޙަރަކާތަކަށްވަނީ ބަދަލުވެފައެވެ.

އެގޮތުން ރޭ ގ. ބޮޑުފެންވަޅު ގޭގައި ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރާ މެންބަރުން ވަނީ "ފިކުރެއްގެ ދިރުން" ފޯމުގައި ސޮއި ކުރުމުގެ ޙަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޯމުގެ ފޮޓޯތަކުންނާއި "ފިކުރެއްގެ ދިރުމާ ގުޅޭ ފޯމު" ލިޔެފައިވާ އެޑްރެހުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ މިއީ އެމްޑީޕީގެ ކެންޑިޑޭޓާއި ދެކޮޅަށް ހިންގާ ޙަރަކާތެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. ފޯމުގައި އެޑްރެހުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއެވެ.