އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ސްކޮލަރޝިޕް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު އިއުލާންކޮށްފިއެވެ.
މި ސްކޮލަޝިޕް އިއުލާން ކުރުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިހުޅުވާލި 200 ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށާއި މިއީ ޗާޓަރ އެކައުންޓެންޓުންނަށް ވުމަށްޓަކައި އެއާއި ގުޅުން ހުރި ހުރިހާ ޚަރަދެއް މިނިސްޓްރީން ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށެވެ.
މިއަދު އިއުލާނުކުރި 200 ސްކޮލަރޝިޕް ބަހާލައިފައިވަނީ 2 ކެޓެގަރީއަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓަރ ވިދާޅުވީ 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މިއަދު ޢިޢްލާނުކުރި ސްކޮލަރޝިޕް ތަކުގައި ފުރިހަމަކުރަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި، ފެންވަރު:
1.ACCA ސްކިލްސް ލެވެލް
2.ACCA ޕްރޮފެޝަނަލް ލެވެލް
3.CIMA މެނޭޖްމަންޓް ލެވެލް
4.CIMA ސްޓްރެޓީޖިކް ލެވެލް
އެކައުންޓިންގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ހުރި ދާއިރާއަކަށްވާއިރު މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަ ގޮތުން މަސައްކަތްކޮށް ރަނގަޅު އާމްދަނީ ހޯދިދާނެ ދާއިރާއެކެވެ.
މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިޢުލާނުކުރި ސްކޮލަރޝިޕްތަކެކެވެ. މައިގަނޑު މަޤްޞަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމެވެ. މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
މި ދާއިރާއިން މިހާރު ކިޔަވަމުން ދާފަރާތްތަކަށާއި، މިދާއިރާ އާއި ގުޅުންހުރި ދާއިރާތަކުން ތައުލީމުހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށްވުމަށް މި ސްކޮލަރޝިޕް ފުރުސަތުތަކުގެ ބޭނުން ހިފޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވުމަށްޓަކާ ތިރީގައިމިވާ ހުރިހާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
• ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
• އެނުއަލް ސަބްސްކްރިޕްޝަން ފީ
އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
• އެގްޒާމް ފީ
• އެފްލިއޭޝަން ފީ
• މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)
• ބުކް އެލަވަންސް
• ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
• އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު
މިއީ، މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މި ދިޔަ 2022 ވަނަ އަހަރުވެސް ވަނީ މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ. މިދިޔަ އަހަރުގެ ސްކޮލަރޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެން ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލަރޝިޕްގައި ކިޔެވުން ފަށާފައެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ.
މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 26 ފެބުރުވަރީ 2023ވާ އާދީއްތަ ދުވަހެވެ.