ހަރަދު ކުޑަކުރުމަށާއި، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އައު މަގާމުތައް ނުއުފެއްދުމަށް އެ މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އެންގުމަކީ އިގްތިޞާދު މެނޭޖްކުރުމަށްޓަކައި އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުއްވި ސާކިއުލާއާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ.

މިއުވާން ވިދާޅުވީ، މާލިއްޔަތާ ބެހޭ ސާކިއުލާއެއް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ ފަރާތުން ނެރެފައިވާ ކަމަށެވެ. އަދި އެއީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓް ތައްޔާރުކޮށްފައިވާ ވިސްނުންތަކާއި އެއްގޮތަށް، ބަޖެޓް ތަންފީޒް ކުރުމަށް އަދި ޙަރަދުތަކުގެ އެފިޝެންސީ މަތިކުރުމަށް، ޙަރަދު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ ސާކިއުލާއެއް ކަމަށް ވެސް މިއުވާން ވިދާޅުވެއެވެ.

މީގެއިތުރުން، މިއުވާން ވަނީ އަދިވެސް ދުނިޔޭގެ އިގްތިޞާދު ހަމަޔަކަށް ނޭޅޭކަން ފާހަގަކުރައްވާފައެވެ. އަދި އެހެންކަމުން މިއީ އިގްތިޞާދު މަނޭޖްކުރުމަށްޓަކައި އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް މިއުވާން ވިދާޅުވެއެވެ.

ދުނިޔޭގެ އިގްތިޞާދު އަދި މުޅިއަކުން ހަމައަކަށް ނޭޅޭ. އަގްތިޞާދު ރަނގަޅުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެގެންދާނެ ގޮތެއް އަންދާޒާކޮށް ލަފާކޮށް އެކަމާއި އަޅަންޖެހޭ ފިޔަވަޅުތަކެއް ވެސް އެޅުން. އަޅުގަނޑުމެންގެ އިގްތިޞާދު މިހާތަނަށް މި މެނޭޖް ކުރެވުނީވެސް އެގޮތަށް. އެހެންވީމަ މިއަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށާއި، ތަކެތީގެ އަގުތަކަށް މިއަންނަ ބަދަލުތަކާއި އަދި އެހެނިހެން ލޮޅުންތަކާއި އެއްކޮށްވެސް އިގްތިޞާދު މެނޭޖްކުރުމަށްޓަކައި އަދި ގިނަ ޕްރޮޖެކްޓްތައް ވެސް ހިންގަމުންދާއިރު، ރަނގަޅަށް (އިގްތިޞާދު) މެނޭޖްކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މި ފިޔަވަޅަކީ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ދިވެހިރާއްޖޭގެ އިދާރާތްތައް ލާމަރުކަޒީ ގާނޫނުގެ ދަށުން، ލާމަރުކަޒީ ބާރުތައް ކައުންސިލްތަކަށް ދޫކޮށްފައިވީ ނަމަވެސް، ޙަރަދު ކުޑަކުރުމުގެ މި ސާކިއުލާއަށް ކައުންސިލްތަކުން އަމަލުކުރާކަށް ނުޖެހޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެންނަމަވެސް ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްތަކާއި، އާމްދަނީ މެނޭޖްކުރައްވަމުން ކައުންސިލްތަކުން ގެންދާނެ ކަމަށް މިއުވާން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ސޮއި ކުރައްވާ އާންމުކޮށްފައިވާ މާލިއްޔަތާއި ގުޅޭ ސާކިއުލާގައި ބުނެފައިވަނީ، ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައިނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެ ކަމަށް ވެސް ސާކުލާގައިވެއެވެ.

ބަޖެޓުގައި ހިމަނާފައި ވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސްގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުމާއި ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަަށް، ރޭންކަށް އަދި މުސާރަ އަދި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.