އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެއެވެ.
ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ، ކ. ތުލުސްދޫއަށް އުފަން 35 އަހަރުގެ މުހައްމަދު މަހުދީއެވެ. މަހުދީ އަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އަމްރިތާ ހޮސްޕިޓަލް ތެރޭގައި ރުޅިގަދަވެ، އަޑުގަދަކުރުމަށްފަހު، އެންމެފަހުން ދުއްވައިގަތް ގޮތަށް، މަހުދީ ފިލީކަމަށް އާއިލާއިން ބުނެއެވެ. އޭގެފަހުން އޭނާގެ ހަބަރެއް ނުވެގެން ދިޔައީ ހޯދަމުންނެވެ. އަދި އެކަން އިންޑިއާގެ ފުލުހުންނަށް ވެސް އޮތީ އަންގައިފައެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި، އޭނާ ގެއްލިފައިވަނީ، ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ތެރޭގައި، ހިތްހަމަނުޖެހިގެން އުޅުމަށްފަހު ބޭރަށް ނުކުތް ފަހުންނެވެ. އަދި އޭނާގެ ހަބަރެއް ނުވެގެން އެކަން އިންޑިއާގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ވަނީ އަންގާފައެވެ.
މުހައްމަދު ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގައި އޭނާ ފެނިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް، މަހުދީގެ އާއިލާއިން ހާމަކޮށްފައިވެއެވެ. އަދި އޭނާ ހޯދުމަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށާއި، އޭނާއަށް ހެޔޮ ދުޢާކޮށްދިން އެންމެނަށް އާއިލާގެ ނަމުގައި ޝުކުރުއަދާކޮށްފައިވެސް ވެއެވެ.
މަހުދީ ހޯދަމުންދާތާ ގާތްގަނޑަކަށް ދެ ދުވަސްފަހުން އޭނާ ފެނިފައިވާއިރު، އިންޑިއާގެ ބެންގަލޫރުގައި ވެސް ދިވެއްސަކު ގެއްލިގެން، އާއިލާއިން އެކަމުގެ ކަންބޮޑުވުން މީޑިއާތަކާ ހިއްސާކޮށްފައިވެއެވެ. ބެންގަލޫރުގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުންއައި މި ދިވެގި މީހާ، މިހާތަނަށް ފެނިފައެއް ނުވެއެވެ.