ޝާކް ރުކްޚާންގެ "ޕަޓާން" އިންޑިއާއާއި، ދުނިޔޭގެ އެތައް ގައުމެއްގެ ބޮކްސް އޮފީހުގެ އެތައް ރެކޯޑެއް މުގުރާލައިފިއެވެ.
މިދިޔަ ޖެނުއަރީމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް އިންޑިއާއާއި ދުނިޔޭގެ އެހެން ގައުމުތަކުން ލިބުނު އާމްދަނީ މިހާރުވަނީ 650 ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް ގޮސްފައެވެ.
ޕަޓާން ސިނަމާތަކުގައި އެޅުވިތާ 8 ދުވަސްވީއިރު، އެ ފިލްމުގެ ހިންދީ ވާރޝަންއަށް 336 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ.
ޕަޓާންގެ ޓެމިލް އަދި ޓެލޫގޫ ވާރޝަންއަށް ލިބުނު 12.50 ކްރޯޑް ރުޕީސްއާއެކު، 8 ދުވަސްތެރޭ ޕަޓާންއަށް އިންޑިއާއިން ލިބުނު އާމްދަނީ ވަނީ 336 ކްރޯޑް ރުޕީސްއަށް އަރާފައެވެ. ޕަޓާންގެ ދެވަނަ ހަފްތާ ނިމޭއިރު، ދަންގަލްއަށް މުޅި ޖުމްލަ ލިބުނު އާމްދަނީ ފަހަނައަޅައި ދާނެ ކަމަށް ބެލެވިފައި ވެއެވެ.
ޕަޓާންވަނީ، އިންޑިއާގެ ބޮކްސް އޮފީހުގެ އެތައް ރެކޯޑެއް މުގުރާލާފައެވެ. އެގޮތުން، ފިލްމް އަޅުވާ ދުވަހާއި، ފުރަތަމަ ހަތްތާ ތެރޭގައި ލިބުނު އާމްދަނީއަށް ބަލާއިރުވެސް ރެކޯޑް ހަދާފައި ވެއެވެ.
ޕަޓާން އިންޑިއާގައި އެޅުވި ފުރަތަމަ ދުވަހު 55 ކްރޯޑް ރުޕީސް ހޯދިއިރު، ދެވަނަ ދުވަހު 68 ކްރޯޑް، ތިންވަނަ ދުވަހު 38 ކްރޯޑް، ހަތަރުވަނަ ދުވަހު 51.50 ކްރޯޑް، ފަސްވަނަ ދުވަހު 58.50 ކްރޯޑް، ހަވަނަ ދުވަހު 22 ކްރޯޑް، ހަތްވަނަ ދުވަހު 17.50 ކްރޯޑް އަދި އަށްވަނަ ދުވަހު 18 ކްރޯޑް ރުޕީސް ހޯދިއެވެ. މިއީ، ހިންދީ ފިލްމަކަށް އެއް ދުވަހެއްގައި މިހާތަނަށް ހާސިލް ކުރެވިފައިވާ ރެކޯޑެއް ނޫނެވެ.
ޕަޓާން އެޅުވިތާ ފުރަތަމަ 5 ދުވަހުގެ ތެރޭހައި އުތުރު އެމެރިކާއިން 9.45 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައި ވެއެވެ.
އިނގިރޭސި ބޮކްސް އޮފީހުގައި ޕަޓާން ފުރަތަމަ ހަފްތާގައިވަނީ 2.45 މިލިއަން ޑޮލަރު ހޯދާފައެވެ. ހަފްތާ ނިމުނުއިރު ޕަޓާން، ބޮކްސް އޮފީހުގެ ދެވަނައިގައި އޮތް ނަމަވެސް، މިއީ އިނގިރޭސި ފަހުގެ ތާރީޚެއްގައި އެޅުވި ހިންދީ އެންމެ މޮޅު ފިލްމަށް ވަނީ ވެގެން ގޮސްފައެވެ.
ޕަޓާންއަކީ، ވޭތުދިޔަ ހަތަރު އަހަރުގެ ތެރޭގައި ޝާހް ރުކްޚާން ލީޑްރޯލް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ހިޓްވި ޝާހުގެ ފުރަތަމަ ފިލްމުވެސް މެއެވެ.
ސިއްދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ޝާހުއާއެކު މުހިންމު ރޯލެއް އަދާކޮށްފައިވަނީ ދިޕިކާ ޕަދުކޯންއާއި، ޖޯން އަބްރަހަމްއެވެ.
މިފިލްމު، އިންޑިއާގެ އިތުރުން، ދުނިޔޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާއިރު، އިންޑިއާ މީހުން ދުވަހަކު ފިލްމަކަށް ނުކުރާވަރަށް ޕަޓާންއަށް އިންތިޒާރު ކުރިއެވެ. އެއީ، އެ ފިލްމު ބޮއިކޮޓްކޮށް އިންޑިއާގައި ކުރި ވަރުގަދަ މުޒާހަރާތަކާވެސް އެކުގައެވެ.
އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ސިޔާސީ އެތައް ލީޑަރުންނާއި، ހިންދޫ ހަރުކަށި ހާމުދުރުން ފިލްމުގައި ހިމެނޭ ލަވައެއްގެ މަންޒަރުގެ މައްސަލާގައި ފިލްމާއި، ޝާހު ރުކްޚާންވެސް ބޮއިކޮޓްކުރުމަށް ވަރުގަދަ ކެމްޕެއިނެއް ކުރިއެވެ.
ފިލްމު އިންޑިއާގައި އެޅުވިޔަ ނުދިނުމަށްވެސް އެތައް މަސައްކަތެއް ކުރިއެވެ. ފިލްމުގެ ޕޯސްޓަރުތައް ވީދައި، ހަމަނުޖެހުންވެސް ހިންގިއެވެ.
ފިލްމު އެޅުވުމާއެކު، ކުރި ލިބުނީ ޝާހް ރުކްޚާނަށެވެ. ފިލްމު ފަތުއަޑުކިޔާފައި ދަނީ ހިނގަމުންނެވެ.
އެކަމާ ހަސަދަވެރިވެ، ބީޖޭޕީއަށް ނިސްބަތްވާ ފިލްމީ ތަރި ކަންގަނާ ކަހަލަ މީހުން ގެންދަނީ ޝާހްއަށް ބަދުބަސްބުނެ، ޒާތީގޮތުން އަދިވެސް ދިމާކުރަމުންނެވެ.