ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެއާލައިން 'ފްލައިމީ'ގެ ނަން 'ވިލާ އެއާ' އަށް ބަދަލުކޮށް އެ އެއާލައިން ރީބްރޭންޑް ކުރުމުގެ މަސައްކަތުގެ ދަށުން މަތިންދާބޯޓުތަކުގެ ޑިޒައިންއަށް ބަދަލުކޮށްފިއެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މަތިންދާ ބޯޓުން ކުރިން ފެންނަ 'ފްލައިމީ'ގެ ލޯގޯގެ ބަދަލުގައި 'ވިލާ އެއާ'ގެ ލޯގޯ ޖެހުން ހިމެނެއެވެ. އަދި ބޯޓުގެ ބޭރުން ފެންނަނީ 'ވިލާ އެއާ'ގެ ކުލަތައް ކަމަށްވާ ފެއްސާއިނުލުގެ ހިތްގައިމު ޑިޒައިންއެކެވެ. މިޑިޒައިން ހަދާފައި ވަނީ ރާއްޖޭގެ ނޫ ވިލުފަޅުތަކާއި ވޭލް ޝާކްއިން އިންސްޕަޔަރވެގެން ކަމަށް 'ވިލާ އެއާ'އިން ވަނީ ބުނެފައެވެ.

ވިލާ ކުންފުނީގެ ދަށުން ހިންގާ ވިލާ އެއާ ކުންފުނިން ފްލައިމީގެ ނަމުގައި އެއާލައިންގެ ހިދުމަތް ފަށާފައި ވަނީ 14 މާރިޗު 2011ގައެވެ. އަދި އެ ކުންފުނިން މިހާރު އަންނަނީ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓްވެސް އޮޕަރޭޓް ކުރަމުންނެވެ.

ފްލައިމީ ރީބްރޭންޑްކުރުމުގެ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ވެބްސައިޓް އެޑްރެހާއި އީ-މެއިލްތައްވެސް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ވެބް އެޑްރެސް villaair.aero އަށް، ބަދަލުކޮށް އީމެއިލްތަކުގެ ޑޮމައިންއަށް ބަދަލު ގެނެސްފައިވެއެވެ.

ފްލައިމީ ރީބްރޭންޑްކުރީ ކީއްވެކަމެއް ކަމެއް ވިލާ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.