ދިވެހިރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އިމިގްރޭޝަނާ ގުޅުންހުރި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރީ، ސްރީލަންކާގެ މިނިވަންކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ލަންކާގެ ފޮރިން މިނިސްޓަރު، އަލީ ސަބްރީއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ، މިހާރު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ދާއިރާތައް ހަރުދަނާކުރުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި ޘަޤާފަތާ ބެހޭގޮތުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އައު ގޮތްތައް ހޯދުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއިތަކެއް ދިނުމަށް ސްރީލަންކާ ސަރުކާރުން ބޭނުންވާތީ، އެކަމަށްޓަކައި މިނިސްޓަރ ސަބްރީއަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން، އިމިގްރޭޝަނާ ގުޅުންހުރި އެއްބަސްވުމުގައި، މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިނެވެ. ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ގަައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު ނިހާލް ރަނަސިންއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ގައުމަށް ވެސް ފައިދާހުރި އެއްބަސްވުމެއް ކަމަށާއި ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމަށާއި ރާއްޖެއާއި ސްރީލަންކާއާ ދެމެދު، އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ރަނިލް ވިކްރަމަސިންހާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ. އަދި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން، މިނިސްޓަރ ޝާހިދު ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.