އޮލިމްޕަސް ހުޅުވުން ލަސްވީ. ބޭރުން ގެންނަންޖެހޭ ބައެއް ތަކެތި ގެނެއުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ. ބޮޑެތި ބަދަލުތަކެއް ގެނެސް، އޮލިމްޕަސް އަލުން ހުޅުވުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުންނެއެވެ. އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
އެހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެކި ސަބަބުތަކާ ހުރެ އޮލިމްޕަސް ހުޅުވުން ލަސްވިކަމަށާއި އެންމެ ބޮޑު ކަމަކަށް ދިމާވީ ބޭރުން ތަކެތި ގެނެއުމުގައި ހުރި ދަތިތައް ކަމަށެވެ. އަދި އެތަން ނުހުޅުވި ދިގުލައިގެން ދިޔައިރު ފަންނުވެރިންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަން ފާހަގަކުރައްވައި އެކަމަނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، އޮލިމްޕަސް ހުޅުވާފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސަރަހައްދީ ފެންވަރުގެ ސިނަމާއެއް އަދި ތިއެޓާއެއް ގޮތުގައެވެ. ތިއެޓާ ހޯލާއި ސިނަމާ ހޯލްގެ އިތުރުން، ތިން މިއުޒިކް ޕްރެކްޓިސް ރޫމް އަދި ޑާންސް ޕްރެކްޓިސް ރޫމް އެތަނުގައި ގާއިމުކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެރޭ އޮލިމްޕަހުގައި އޮތް ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުނަރާއި ފަންނުރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާދިއުމުގެ ހުރިހާ މަގެއް ހުޅުވާލައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ހުޅުވާފައި މިވަނީ އެތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަޞީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ.
އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައިވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފައެވެ.
މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.