މުޅި ދުނިޔޭގައިވެސް އެންމެ އާއްމު ނަފްސާނީ ބަލިކަމަށްވާ މާޔޫސްވުމުގެ ބަލީގެ ފަރުވާއަށް ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން އަންނަ އެންޓިޑެޕް Antidep 25mg (film coated tablet) ރާއްޖެ އިމްޕޯޓްކުރުމާއި ވިއްކުމާއި ބޭނުންކުރުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ކުރި އިޢުލާނެއްގައި ބުނީ ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަޙުލީލު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރަމުން ގެންދާ ކަމަށެވެ.

މިގޮތުން ކުރެވުނު ތަޙުލީލުތަކުގެ ނަތީޖާ ދައްކާގޮތުން، މި ބޭހުގެ 2141H003 ބެޗުގައި ހުންނަންވާ މިންވަރަށް ވުރެ، ބޭހުގެ އެކްޓިވް އިންގްރިޑިއަންޓްގެ މިންވަރު ދަށްކަމަށް ތަޙުލީލުތަކުގެ ނަތީޖާއިން ދައްކާފައިވާތީ ބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

އަދި މާކެޓްގައި ހުރި މިބެޗްގެ ބޭސް ނަގަމުން ގެންދާނެކަން އެމްއެފްޑީއޭއިންވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މީގެ އިތުރުން ޑިޕްރެޝަންއަށް މިހާރުވެސް މިބޭސް ބޭނުން ކުރަމުންދާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅުއްވައިގެން މައުލޫމާތު ޙިއްސާކުރުމަށް އެމްއެފްޑީއޭއިން އެދެއެވެ.

މީގެ ކުރިންވެސް އެމްއެފްޑީއޭއިންވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަސަރުފޯރުވާފަދަ ބޭހުގެ ބާވަތްތައް މާކެޓުން ނަގައިފައެވެ.

އެގޮތުން ހުސްވި ޖެނުއަރީ މަހުގެ 12ވަނަ ދުވަހުވެސްވަނީ ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހިމެނޭތީ ސަމާލުވުމަށް އެދިފައެވެ.

އެގޮތުން ޑަބްލިއުއެޗްއޯއިން ޔޫރަޕްގެ ސަރަޙައްދުގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްޚީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށް ބުނެ ރާއްޖެއަށް މިބޭސްތައް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.