ރ. ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ޗުއްޓީއަށް ދިޔަގޮތަށް ވަޒީފާއަށް ނައިސް ގިނަ ދުވަސްތަކެއްވި މައްސަލާގައި، ޕްރިންސިޕަލްގެ މަގާމުން ވަކި ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިވިލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެެވެ.
މިކަމާގުޅިގެން މިނިސްޓްރީން ބުނީ، ރަސްމާދޫ ސްކޫލްގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު، ނޮވެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ވަކި އެއްޗެއް ނާންގާ ސްކޫލަށް ހާޒިރު ނުވާތީ ސިވިލް ސާވިސް ކޮމިޝަނުގެ ގަވައިދާ އެއްގޮތަށް އެފަރާތަށް އަންގަންޖެހޭ އެންގުންތައް އަންގާ، ހާޒިރު ނުވުމުން ވަޒީފާއިން ވަކި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.
އަދި ރަޝާދު ޕްރިންސިޕަލްގެ ވަޒީފާއިން ވަކި ކުރުމަށް މިހާރު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން ސްކޫލް ހިންގުން ވަގުތީ ގޮތުން ވަނީ ރަސްމާދޫ ސްކޫލްގެ ލީޑިންގ ޓީޗަރާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން "ވީނިއުސް"އާ ވާހަކަ ދައްކަވަމުން ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ، ޕްރިންސިޕަލް ޒިޔާދު ވަނީ ވަޒީފާއިން ޗުއްޓީ ނަގާފައިކަމަށާއި، ޗުއްޓީ ހަމަވެގެން ނިކުންނަން ވީދުވަހު، ސްކޫލަށް ހާޒިރުވެފައިނުވާ ކަމަށެވެ.
އަދި ޒިޔާދު ގާތު ވަޒީފާއަށް ހާޒިރު ނުވުމާއި ގުޅިގެން ސުވާލުކުރުމުން، ވަޒީފާއަށް ނިކުންނަން ބޭނުން ނުވާކަމަށާއި، ވަޒީފާއިން ވަކިވުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުނި ކަމަށްވެސް އާސިފް ވިދާޅުވިއެވެ.
އާސިޕް ވިދާޅުވީ، ޕްރިންސިޕަލް ވަޒީފާއަށް ނިކުންނަންޖެހޭތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، މި ހަފްތާ ނުވަތަ އަންނަ ހަފްތާގައި އެރަށު ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން، ޒިޔާދު މިހާރު ހަރަކާތްތެރިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކެންޕެއިންގައި (ރިޓަޔާޑް) ކާނާލް މުހައްމަދު ނާޒިމްގެ އަރިހުގައި ކެންޕެއިން ކުރެއްވުމަށް ކަމަށް އާސިފް ވިދާޅުވިއެވެ.