ޚިޔާލު ތަފާތުވުންތަކުގައި ނާތަހުޒީބު ޢަމަލުތައް ކުރުމަށް ގޮވާލައި ހިތްވަރު ދިނުމާއި މިފަދަ ޢަމަލުތައް ކުރުމަށް ފައިސާގެ ބޮޑެތި އަދަދުތަކުން އިނާމު ހުށައެޅުން ކުށްވެރިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މޫނަށް ކުޅުޖެހި މީހަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ގޮވާލައި ކުރި ޓުވިޓަކަށް ރައްދު ދެއްވައި އެޢަމަލު ކުށްވެރިކުރެއްވީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އަދި އެންމެ ބޮޑު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނު އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރެވެ.
އަނަސް ވިދާޅުވީ މުސްޠަފާގެ މިޢަމަލަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ އާއްމުންގެ ފާޑުކިޔުންވެސް މުސްޠަފާއަށް ޢަމާޒުވެފައިވާއިރު ބައެއް އާއްމުންވަނީ އިންސާނަކަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް އާއްމުންވަނީ މުސްޠަފާގެ ޓުވިޓާ އެކައުންޓް ހިންގުން ހުއްޓުވާދިނުމަށްވެސް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް ކާމިޔާބު ހޯއްދަވާފައިވާތީ ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ރައީސް ސާލިޙުގެ ސަޕޯޓަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އިންތިޚާބުގެ ފަހުން ރައީސް ނަޝީދު ބަލި ގަބޫލުކުރެއްވީ 24 ގަޑިއިރު ފަހުންނެވެ. އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ 24 ގަޑިއިރަށްވުރެ ފަހުން ނަޝީދު ބަލި ގަބޫލުކުރެއްވިޔަސް ރައީސް ސާލިހަށް ތާއީދުނުކުރައްވައި ވިދާޅުވީ، އެ މަނިކުފާނު ތާއީދުކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅުއްވާނީ ފަހުން ކަމަށެވެ.