ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ މޫނަށް ކުޅުޖަހާ މީހަކަށް ފައިސާގެ އިނާމެއް ދޭނެކަމަށް ބުނެ ކުރި ޓުވީޓަކާ ގުޅިގެން، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މެމްބަރު މުސްތަފާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ޞާލިޙްގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދޭނެކަމަށެވެ. އަދި އެފަހުން ކުރި ޓުވީޓެއްގައި، އޭނާއަށް ރައީސް ޞާލިޙް ދޭންޖެހޭ ފައިސާތަކެއް ނުދީވާކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ. އެގޮތުން އޭނާއަށް ރައީސް ޞާލިޙް، 1.778 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށާއި، އެ ފައިސާ ދީފައި ނުވާކަމަށް މުސްތަފާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އަދި އެންމެ ބޮޑު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނު އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ވަނީ މުސްތަފާގެ މި އަމަލު ކުށްވެރިކޮށް، ފާޑުވިދާޅުވެފައެވެ. މުސްތަފާ އަކީ އެމްޑީޕީގެ މެމްބަރެކެވެ.

އަނަސް ވިދާޅުވީ މުސްޠަފާގެ މިޢަމަލަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.

މުސްތަފާގެ މި ޓުވީޓާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާކަން ހާމަކޮށް އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި، މިއީ ރައީސް ޞާލިޙް "ބިރުން، ހާވާ ހަޑިއެއް" ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ގިނަ އާއްމުންގެ ފާޑުކިޔުންވެސް މުސްޠަފާއަށް ޢަމާޒުވެފައިވާއިރު ބައެއް އާއްމުންވަނީ އިންސާނަކަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މުސްތަފާގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވެސް، ރައީސް ޞާލިޙާ ގުޅުވައިގެން ދެއްކި ވާހަކަތަކެއްގެ މައްސަލަ ފެންމަތިވެފައިވެއެވެ.

އެގޮތުން ޝިއުނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ބަޔަކު ވަރަށް ހަރުކަށިކަމާއެކު ނުކުމެ މި ވެރިކަން ނިންމަންވެއްޖެ ކަމަށާއި، ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް، ރައީސް ޞާލިޙް އަނިޔާވެރިކަން ހިންގަމުންދާ ކަމަށް އަދި އެމަނިކުފާނު "ހަމަބިމަށް" ތިރިކުރަންޖެހޭ ކަމަށެވެ. އަދި ޓުވީޓުކުރަން ތިބެގެން ވާކަށް ނެތްކަމަށާއި، ލޭއޮހޮރުވުމަކުންވިޔަސް މި ވެރިކަން ބަދަލުކުރަންވެއްޖެ ކަމަށެވެ.

ޝިއުނާގެ މި ޓުވީޓާ އެކުވެސް ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާއިރު، ޓުވިޓާއިން މިހާރު ވަނީ ޝިއުނާގެ އެކައުންޓު ވެސް ސަސްޕެންޑުކޮށްފައެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުންގެ މުއައްސަސާއިން ވެސް ވަނީ ބުނެފައެވެ.