ރާއްޖޭގެ އޮންލައިން މީޑިއާ، ވަގުތުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައިވާތީ، އެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ގޮވައިލައިފިއެވެ.

ވަގުތުގެ ނޫސްވެރިން ކުރާ "ހޭރިޔާ ދަތުރު"ތަކުގެ ތެރެއިން ޅ.ނައިފަރަށް ކުރި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ ޓީމުގެ ފޮޓޯއެއް ހިއްސާކޮށް ވަގުތުން ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓަކާއެކު މީސްމީޑިއާގައި އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވަގުތުގެ އެ ޓީމުން މީގެ ކުރިން ވެސް އައްޑޫއަށް ގޮސް، މުސްލިމުންނަށް "ޖާސޫސް" ކޮށްފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ނަމުގައި މި ސަރުކާރުން ދަނީ އެތައް މުސްލިމުން ހައްޔަރުކުރަމުން ކަމަށާއި، ހައްދުފަހަނައެޅި ފިކުރުގެ ނަމުގައި، "ޝައިތާނާއަށް ވާގިވެރިވާ ބައެއް" ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޕޯސްޓަށްކުރި ކޮމެންޓެއްގައި އިތުރު މީހަކު ބުނެފައިވަނީ، މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހާގެ ހުކުމަކީ ގަތުލުކުރުން ކަމަށާއި، ކާފަރުން ކިތަންމެ ނުރުހުނަސް "މި ހުޅުކޮޅު ނިއްވައި ނުލެވޭނެ"ކަމަށެވެ.

ވަގުތުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ ބަލައިދިނުމަށް އެދި އެ ނޫހުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދުއަށް ފޮނުވި ސިޓީއެއްގައި، ވަގުތުގެ ނޫސްވެރިން ގަތުލް ކުރާނެކަމުގެ އިންޒާރުދީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވާތީ މައްސަލަ ފުލުހުން ތަހްގީގު ކޮށްދެއްވުމަށް އެދިފައިވާނެކަން ވަގުތު ނޫހުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފަހަކަށް އައިސް މީސްމީޑިއާ މެދުވެރިކޮށް ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް މިފަދަ އިންޒާރުތައް ލިބެމުންދާކަން ފާހަގަކޮށް، މިއީ އެ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި މީގެކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކި އިންޒާރާއި ފުރައްސާރަ ކުރިމަތިވުމަށްފަހު، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާތީ، މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި ނުދެކޭ ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީން އިތުރަށް ބުނީ، ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެހައި މުއައްސަސާއެއްގެ ޒިންމާއެއް ކަމަށާއި، ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިންކަމަށް ތުހުމަތުކޮށްފައިވާތީ، މިކަން ކުށްވެރިކޮށް މި މައްސަލަ ބަލައި، ވީހާވެސް އަވަހަކަށް ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާ ކަމަށެވެ.

ނައިފަރަށް ދިޔަ ވަގުތު ހޭރިޔާ ޓީމުގެ ނޫސްވެރިން "މަރުގެ އިންޒާރު"ދިން ކަމަށް ބުނެ އެ މައްސަލަ އެ ނޫހުން ފުލުހަށް ހުށަހަޅާފައިވާއިރު، 2020 ވަނަ އަހަރުގެ ފަހުކޮޅު ވެސް އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެފައިވެއެވެ. އެއީ އެ ނޫހުން އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އައްޑޫގައި ހަރަކާތްތެރިވި ވަގުތުގެ ނޫސްވެރިންނަށް ލިބެމުންދިޔަ މަރުގެ އިންޒާރުތަކާއެކު އެ ނޫސްވެރިންނަށް އޭރު ފުލުހުން ވަނީ ސެކިއުރިޓީ ދީފައެވެ.