މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންދޭ އެއްގަމު އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސް، ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރެއްވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، މިއަދަށްފަހު ޕްރިންޓްކޮށްގެން ލައިސެންސް ދޫކުރުން ހުއްޓާލާނެކަމަށެވެ.
ފޯނުން ލައިސެންސް ދައްކާލެވޭނެކަމަށާއި ނަމަވެސް އެނޫން ހާލަތެއްގައި ޕްރިންޓް ލައިސެންސެއް ބޭނުންނަމަ އެ ފުރުޞަތުވެސް ލިބިގެން ދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވަނީ، މި ކުރެވުނު މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކޮށް އެކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
މިނިސްޓްރީން އަލަށް ތަޢާރަފްކުރި ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރާނީ ޑިޖިޓަލްކޮށް ކަމަށްވާއިރު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ވެސް ދެން ކުރާނީ ޑިޖިޓަލްކޮށްކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި ސޮޕްޓްވެއަރގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.
މީގެއިތުރުން، މި ބަދަލާ ގުޅިގެން މިހާރު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށާއި، ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓުކޮށްގެން ގެންގުޅުއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށްދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑިޖިޓަލް ލައިސަންސް އިފްތިތާހުކުރުމާ ގުޅޭގޮތުން "ވީނިއުސް"އާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޖިޓަލް އެޖެންޑާގެ ތެރެއިން މި ފެށޭ ޑިޖިޓަލް ލައިސަންސިންގް އަކީ ވަރަށް މަދު މީސްކޮޅެއްގެ ބުރަ މަސައްކަތުން ކުރެވުނު މަސައްކަތެއްކަމުން، އެކަމަށްޓަކައި މިނިސްޓަރު ނަހުލާއަށާއި މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ލައިސަންސް ލިބުމުގައި އަދި ލައިސަންސާ ގުޅުންހުރި ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ނިޒާމެއް ގާއިމްކުރެވިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އުޅަނދު ފަހަރުގެ ފީ ލިބެންޖެހެނީ އެ އުޅަނދެއް ބޭނުންކުރާ ސިޓީއެއްގެ ސިޓީ ކައުންސިލް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލަށްކަމަށް ވުމާއެކު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން "ސަވާރީޕޭ"ގެ ނަމުގައި މިނިސްޓްރީން ވަނީ ޕޯޓަލްއެއް ވެސް ތަޢާރަފްކޮށް ޚިދުމަތް ދޭން ފަށާފައެވެ.
މި ސިސްޓަމް ތައްޔާރު ކޮށްފައިވަނީ އުޅަނދުގެ އަހަރީ ފީ ދެއްކުމާއެކު، ވަގުތުން އެ އުޅަނދެއް ދުއްވާރަށެއްގެ ކައުންސިލަށް ފައިސާ ލިބެމުންދާ ގޮތަށެވެ.
އަލަށް ތަޢާރަފްކުރި ސޮފްޓްވެއަރގައި މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ހިމެނިފައި ވާއިރު، މިހާރު ޚިދުމަތް ދިނުމުގައި ބޭނުންކުރާ 7 ސޮފްޓްވެއަރ، އެއް ސޮފްޓްވެއަރ އަކަށް ބަދަލު ކުރެވި ޚިދުމަތްތައް ޒަމާނީ ކުރެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސް ޕޯޓަލް