ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައެއް މެމްބަރުންގެ ނަން އިއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވިދާޅުވި ނަމަވެސް، އޮފިޝަލް ރެކޯޑްގައި އެއްވެސް މެމްބަރެއްގެ ނަން އިއްވާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނަ މައިގަނޑު ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު 9:00 ޖެހިއިރު މަޖިލީހުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިއްތިހާދުގެ މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ވާހަކަފުޅަށް ހުރަސްއަޅައި، އަޑުގަދަކޮށްފައެވެ. އެ މެމްބަރުން ވަނީ ރައީސް ޞާލިޙްގެ އިސްތިއުފާ އަށާއި ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ.
އިދިކޮޅު މެމްބަރުން ޖަލްސާއަށް ހުރަސްއަޅަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަލްސާއަށް ހުރަސް އަޅަމުންދިޔަ މެމްބަރުންގެ ނަން އިއްވަވާފައެވެ. ޖަލްސާއަށް ހުރަސްއެޅި މެމްބަރުންގެ ނަން އިއްވަވާފައި ވާއިރު، ނިޒާމު ގެއްލުމުން މަޖިލީހުގެ ޖަލްސާ ވަގުތުކޮޅަކަށް މެދުކަނޑާލަންވެސް ޖެހުނެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިސްވެ ހުންނަވައި ފެށި ހަރަކާތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު އިބްރާހިމް އަދި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ލަތީފް ވަނީ ބައިވެރިވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު، ސޯސަންމަގުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދިޔަ ސަރަހައްދަށް ވަޑައިގެންނެވުމުން، "ވީނިއުސް" އިން ވަނީ މެމްބަރު ޣައްސާންގެ ބަސްދީގަތުމެއް ހޯދާފައެވެ.
"ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކަން ހިނގަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ. މެމްބަރުންގެ ނަން އިއްވި އިއްވުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، އޮފިޝަލް ރެކޯޑްގައި އެއްވެސް މެމްބަރެއްގެ ނަން އިއްވާފައި ނުވާކަމަށެވެ.
ޣައްސާން ވަނީ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ނަން ނުއިއްވާ ބައެއް މެމްބަރުންނަށް ޗެމްބަރަށް ނުވަދެވުނުކަންވެސް ފާހަގަ ކުރައްވާފައެވެ.
ޗެމްބަރަށް ވަނުމަށް ސިފައިން ހުރަސްއެޅި މެމްބަރުންގެ ތެރޭގައި މެމްބަރު ޣައްސާންގެ އިތުރުން ޕީޕީޕީއެމްގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ހިމެނޭކަން ޣައްސާން ފާހަގަކުރެއްވިއެވެ.
ޣައްސާން ވިދާލުވީ، އިދިކޮޅު މެމްބަރުން މަޖިލީހުގައި ކުރި އިހުތިޖާޖަކީ ޤާނޫނާ ޚިލާފަށް ކުރި އިހުތިޖާޖެއް ނޫން ކަމަށާއި މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފައިވަނީ ވަރަށް ހުތުރުކޮށް ކަމަށެވެ.