އަންނަ މާޗް މަހު އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މިފަދައިން ވިދާޅުވީ، "ވީނިއުސް"އަށް ދެއްވީ ހާއްސަ ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރީ ކުރަންެޖެހިގެން ކަމަށެވެ. އެއީ ޤާނޫނާ ޚިލާފު އިހުތިޖާޖެއް ނޫންކަމަށާއި އެބޭފުޅުން ގޮވަމުން ދިޔައީ އިދިކޮޅު ލީޑަރު ޔާމީން މިނިވަންކޮށްދިނުމަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމާ ހަވާލާދެއްވާ ޣައްސާން ވިދާޅުވީ، އަންނަ މާޗްމަހު ރައީސް ޔާމީން މިނިވަންވާނެ ކަމަށާއި އެމަނިކުފާނަށް ކޮށްފައިވާ ޖަލު ހުކުމަކީ ހަރާމް ހުކުމެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާފައިވަނީ، ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަކަށެވެ. މިހުކުމް އިއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ކުރި މި ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރަމުން އަންނައިރު، އެ ހުކުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމާ ހަމައަށް، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނާނެއެވެ.

މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށްދިން މައްސަލާގައިވެސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.