ހުވަދުއަތޮޅު، ފުވައްމުލަކު އަދި އައްޑޫ އަތޮޅު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ނިޒާމުން ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ރަށްތަކުގެ ގޮނޑުދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިޤްތިޞާދު މުޅި ރާއްޖެއަށް ފަތުރާލުމަކީ، ރާއްޖޭގެ ރަށްތައް ތަރައްޤީވެ އިޤްތިޞާދީ ހަރަކާތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.

އަދި އެކަން ކުރެވޭނީ އިތުބާރާއި ޔަޤީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމަށާއި، ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގެ އިގްތިޞާދީ އިންޖީނުގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މީގެއިތުރުން ބޮޑުތިލަދުންމައްޗާއި ފާދިއްޕޮޅުގެ ހުރިހާ ރަށެއްގައި އާރުޓީއެލްގެ ނިޒާމް ގާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ، ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރުޓީއެލްގެ މި ނިޒާމުން ގުޅާލާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން، ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު، އާދެ، ހަމަ ކޮންމެ ދުވަހަކު އެދަނީ އާރު.ޓީ.އެލްގެ ނިޒާމުން އަމުނާ، ގަތާ ބަދަހިވަމުން. އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރުޓީއެލް.ގެ މި ނިޒާމުން ގުޅައިލާނެ. މިގޮތަށް ކުރިއަށް ގޮސް، ރާއްޖޭގެ ހުރިހާ ރަށެއް، އާރުޓީއެލް އިން ގުޅައިލާނަން. އާރު.ޓީ.އެލްގެ މިނީބަހުގެ ޚިދުމަތް، މާލެ ސަރަޙައްދާއި، ބޮޑެތި ރަށްތަކުގައި ފެށިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުޙައްމަދު ޞާލިޙް

ރައީސްގެ ރިޔާސީ ބަޔާނުގައި ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށް ދާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓް ހުޅުވިފައިވާކަމަށާއި، މި އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ. ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ. އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ. އަދި މީގެއިތުރަށް، ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓާއި، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުޙައްމަދު ޞާލިޙް

އެމަނިކުފާނު ވިދާޅުވީ، މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއަރޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫޢު މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ، މި އަހަރުގެ ފަހު ކުއަރޓަރގައި ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިމަހު ހަވާލުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރާ ބައިނަލްއަޤްވާމީ ޒަމާނީ ދެ އެއަރޕޯޓްކަން ރައީސް ފާހަގަކުރައްވައެވެ.

މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ފެރީ ނިޒާމު، އާރުޓީއެލްގެ ޚިދުމަތް ފެށީ ބޮޑު ތިލަދުންމަތިންނެވެ. އާރްޓީއެލް ފެރީތަކަކީ ހިތްފަސޭހަވުމުގެ އިތުރުން، ޖީބަށް ލުއި، އެ ޚިދުމަތަކަށް ރައްޔިތުންނަށް ބަރޯސާވެވޭނެ ޝެޑިއުލްއެއް ކަނޑައެޅިފައިވާ ޚިދުމަތެކެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ފާޙާނާއާއި، ރޭމްޕަކާއި، ސްޓްރެޗަރއާއި ފުރޮޅުލީ ގޮނޑި ބަހައްޓާނެ ޖާގަ މި ފެރީތަކުގައި ހުންނާނެއެވެ.