ބާރުގަދަ ބިންހެއްލުމެއްގައި ތުރުކީވިލާތުގެ އެތައް ބަޔަކު މަރުވުމާގުޅިގެން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓްގައި ވަނީ، ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވި ޚަބަރު ލިބުމުން އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ.

އަދި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީއާއި ތަޢުޒިޔާ ދަންނަވާ ކަމަށާއި، މިހިތާމަވެރި ދަނޑިވަޅުގައި ރާއްޖެ އޮތީ ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމަށް ރައީސްގެ ޓްވީޓްގައި ވެއެވެ.

ތުރުކީ އަދި ސޫރިޔާ ސަރަހައްދަށް ރޭ ފަތިހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،800 އަށްވުރެ މައްޗަށް އަރައިފައެވެ. ތުރުކީގެ ދެކުނުގެ ކަހަރަމަންމަރަސް ޕްރޮވިންސަށް ފަތިހު އައި ފުރަތަމަ ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ. މި ބިންހެލުމުގެ ގެއްލުން، ސޫރިޔާގެ އުތުރަށްވެސް ކުރިއެވެ.

އޭގެފަހުން އެތައް ލޮޅުންތަކެއް އެރުމަށްފަހު، ގަޑިއިރުތަކެއްފަހުން، އެ ސަރަހައްދަށް އައި ދެވަނަ ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.5 ގައެވެ.

މިދެ ބިންހެލުމުގައި ތުރުކީން އެކަނިވެސް މިހާތަނަށް 1،014 މީހުން މަރުވެފައިވާ ކަމަށް ތުރުކީން ރިޕޯޓްކޮށްފައިވާއިރު، ސޫރިޔާއިން 783 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ބިންހެލުމާ ގުޅިގެން ތުރުކީއަށާއި، ސޫރިޔާއަށް ކުއްލި އިންސާނީ އެހީއާއި، މީހުން ސަލާމަތް ކުރުމުގައި އެހީތެރިވުމަށް ޔޫރަޕްގެ އިއްތިހާދު، އީރާން، ޗައިނާ، އިންޑިއާ، ގަތަރު، ޔޫކްރެއިން، ރަޝިޔާ، އެމެރިކާ، ފްރާންސް އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވައުދުވެ، އެކަމުގެ ތައްޔާރީތައް ފަށާފައި ވެއެވެ.