ތުރުކީ، ސޫރިޔާ އަދި ލުބުނާނު ސަރަހައްދަށް ރޭ ފަތިހު އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެ ގައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހަމްދަރްދީ ފޮނުއްވައިފިއެވެ.
ގާސިމް ކުރެއްވި ޓްވީޓްގައި، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ. އަދި މަރުވި މީހުންގެ ފުރާނައަށް ހެޔޮ ރަހްމަތް ލެއްވުން އެދިވަޑައި ގެންފައި ވެއެވެ.
އަދި ބިންހެލުމުގެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށްވެސް ގާސިމް އިބްރާހިމް އެދިވަޑައިގެންފައި ވެއެވެ.
ތުރުކީވިލާތުގެ ރަށެއް ކަމުގައިވާ ގައިއެންޓެޕް ކައިރިއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ސައިޕްރަސްއާއި ލުބުނާނަށް ވެސް ކޮށްފައިވެއެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ.
މި ބިންހެލުމާ ގުޅިގެން ތުރުކީވިލާތާއި ސޫރިޔާގެ ގިނަ ޢިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،300 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.
މިދެ ބިންހެލުމުގައި ތުރުކީން އެކަނިވެސް މިހާތަނަށް 1،541 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ސޫރިޔާއިން 810 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
އަދި އެތައްހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ދެ ގައުމުން ރިޕޯޓްކޮށްފައި ވެއެވެ.
ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި، އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި އަދިވެސް އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން ގެންދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މެނުކެނޑި ކުރަމުންނެވެ.