ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިންތަކަކަށް އަނިޔާވި ކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ބަސް އާންމުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގެ މީޑިއާ ގްރޫޕްގައި އާންމުކުރި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، އެއްވުމުގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެފައިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާކަން މިހާތަނަށް ބެލި ބެލުންތަކުން އެނގޭ ކަމަށްވެސް މެސެޖްގައި ބުނެފައި ވެއެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި، ނޫސްވެރިން ޝީލްޑް ތަކުގައި އަޅާ ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަމުން ގެންދެވި ވަގުތު އިދިކޮޅުން ދިޔައީ ސޯސަން މަގުގައި އިހުތިޖާޖު ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން މަޖިލީސް ކުރާ ގެ ކައިރިއަށް ދާން މަސައްކަތް ކުރުމުން ފުލުހުން ބާރުގެ ބޭނުންކޮށް އެމީހުން ހުއްޓުވާން މަސައްކަތް ކޮށްފައިވެއެވެ.

ނޫސްވެރިންނަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުގެ ތެރޭގައެވެ. މިކަމުގެ ތެރޭގައި އަނިޔާވި އެއް ނޫސްވެރިއެއް، އިތުރު ފަރުވާދިނުމަށް މިހާރު ސްރީލަންކާއަށް ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.