އުތީމު ތިން ބަދަވީންގެ ޖިހާދު، މޮޓަރުބޯޓު ގަޑުބަޑު، ކަޅު ހުކުރު، ހަތެއް ފެބްރުއަރީ އަދި މި ނޫންވެސް ދިވެހިންގެ ވެރިކަމުގެ ނިޒާމަށް ގެނައި ކޮންމެ ބޮޑު ބަދަލެއްގެ ވާހަކަވެސް ދިވެހި ތާރީޚުގެ ފަތްފޮތްތަކުގައި އެހުރީ ކަޅު ދެލިން ލިޔެވިފައެވެ. އަދު ނިދިން ހޭލެވުނުއިރު، އަހަރެންގެ ކަލަންޑަރު ދެއްކި ތާރީޚާއެކު ހަނދާނަށް އައީ މީގެ 11 އަހަރު ކުރިއެވެ. އާދެ، 7 ފެބްރުއަރީ 2012އެވެ.
ދުވަސްވަރަކީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެކެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ އެތައް ބަޔަކު ތިބީ ނުކުމެއެވެ. މާލެތެރޭގެ މަސްރަހު ގޯސްވެ، ކަންކަން ބޮއްސުންލައި ބޮޑު ލޭއޮހޮރުވުމަކަށް ދިއުމުގެ ބިރު އޮތީ ހީވެފައެވެ. ނަތީޖާއެއްގެ ގޮތުން، ދައުރުގެ މެދުތެރެއިން ދަޢުލަތުގެ ވަލިއްޔުލްއަމުރު އިސްތިއުފާ ދެއްވި މަންޒަރު ފެނިގެންދިޔައެވެ. ދިވެހިރާއްޖެއަށް މަލްޓި ޕާޓީ ނިޒާމް ތައާރަފުވެ، ޤާނޫނީ ގޮތުން އުފެދުނު ވެެރިކަމުގައި ސިއްކަ ޖެހުނީއެވެ.
އެއްބަޔަކަށް ބަޣާވާތެއް، އަނެއް ބަޔަކަށް ނަސްރެއް!
އެއްބަޔަކު ހަތެއް ފެބްރުއަރީ ސިފަކުރަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައިވާ ވެރިކަމެއް, ވަކި ބައެއްގެ އަމިއްލަ އެެދުމެއްގައި، ސިޔާސީ ހަމަނުޖެހުންތައް ހިންގައި، ސަލާމަތީ ބާރުތަކުގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކާއެކު ވައްޓާލި ދުވަހުގެ ގޮތުގައެވެ. ކުރުގޮތަކަށް ބުނާ ނަމަ ބަޣާވާތަކުން ޤާނޫނީ ވެރިކަމެއް ވައްޓާލި ދުވަހެއްގެ ގޮތުގައެެވެ.
އަނެއް ބަޔަކު އެދުވަސް ސިފަކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެދުނު ގޮތަށް ވެރިކަން ހިންގުމަށް ނުކުޅެދި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ރައްޔިތުންގެ ބަސްއަހައި، ރައްުޔިތުންގެ ޑިމާންޑާ އެއްގޮތަށް ނިޒާމުގެ ތެރެއިން އަމިއްލަފުޅަށް އިސްތިޢުފާދެއްވި ދުވަހުގެ ގޮތުގައެވެ. އެމީހުން ސިފަކުރާ ގޮތުގައި އެއީ ނަސްރުގެ ދުވަހެކެވެ.
ކުރީގެ ރައީސް ނަޝީދު ސިފައިންގެ މައިމަރުކަޒު "ބަންޑާރަކޮށީގައި" ހުންނަވައި، އަރިސް ބޭފުޅުންގެ ގާތު، އިސްތިިއުފާ ދެއްވަން އުޅުއްވާކަމަށް އެދުވަހުގެ މެންދުރު 11:00ގެ ކުރިން ވިދާޅުވި ކަމަށްވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ޕްރެސް ކޮންފަރެއްސެއް އިންތިޒާމު ކުރުމަށް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ މީހުންނަށް އިރުޝާދުވެސް ދެއްވިއެވެ. އެއަށްފަހު، ރަސްމީކޮށް އިސްތިއުފާދެއްވުމަށް އޮފީހަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އަދި އެތަނުގައި ވަޒީރުންނަށާއި އެމަނިކުފާނު ވާހަކަދެއްކެވި އެހެން ބޭފުޅުންނަށް، އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ތަކުރާރުކޮށް ވިދާޅުވި ކަމަށްވެއެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، އެއަށް ފަހު، ރައީސް ނަޝީދު ވަނީ އިސްތިއުފާގެ ސިޓީ ތައްޔާރުވެއްޖެތޯ ބެއްލެވުމަށް ކެބިނެޓު ސެކްރެޓެރީއާ ސުވާލުކުރައްވާފައެވެ. ނަމަވެސް، ސިޓީ ތައްޔާރުކުރެވިފައި ނުވާކަމަށް ކެބިނެޓު ސެކްރެޓަރީ ދެންނެވުމުން ގަނޑަކާއި ގަލަމެއް ގެންނެވުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލެޓަރހެޑަކާއި ގަލަމެއް ރައީސް ނަޝީދަށް ދެއްވުމުން، އެމާލަމުގައި ހުރި ޕޯޑިއަމެއްގެ ކައިރީ ހުންނަވައިގެން ރައީސް ނަޝީދުގެ އަމިއްލަ އަތްޕުޅުން އިސްތިއުފާގެ ސިޓީ ލިޔުއްވައި ސޮއިކުރެއްވިއެވެ.
ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީގައި އޮތީ ކީކޭ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ރައީސް ނަޝީދު ލިޔުއްވި އިސްތިއުފާގެ ސިޓީގައި ވެއެވެ.
"ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފީމެވެ."
މީޑިއާތަކުން އަޑާއި މަންޒަރު ވަގުތުން ދުރަށް ފޮނުއްވަމުން ދަނިކޮށް ހަމަ އެޕޯޑިއަމްގައި ހުންނަވައި އަނގަބަހުންވެސް އެމަނިކުފާނު ވިދާޅުވީ މިފަދައިންނެވެ. ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގަތީ އެދުވަހުގެ މެންދުރުފަހު 1.43 ގައެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސް ނަޝީދުގެ ރައީސްކަމުގެ ދައުރު އެހިނދު ނިމުމަކަށް އައެވެ.
ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމުން ޤާނޫނީ ހަމަތަކުގެ މަތިން ނައިބު ރައީސްއަކަށް ހުންނެވި ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ 15.25ގައި ރައްޔިތުންގެ މަޖިލީހުގައި ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހާޒިރުގައި ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަޙްމަދު ފާއިޒު ޙުސައިންއެވެ.
ވިދިގެން އައިދުވަހު، ރާއްޖެ އާއި ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، އެމަނިކުފާނު އިސްތިއުފާދެއްވީ ބަޑިދިއްކޮށްފައިވާ ހާލަތުގައި މަޖުބޫރުވެވަޑައިގެންކަމަށެވެ. އޭގެ ފަހުން ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވަން ފައްޓަވާފައެވެ.
ކޯނީ ރިޕޯޓު ބުނަނީ ކީކޭ؟
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާ ޚިލާފު މަޖުބޫރުކަމެއްގެ ސަބަބުންތޯ ނޫންތޯ ކަނޑައެޅުމާއި، ސަރުކާރު ބަދަލުވެގެން ދިޔައީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްތޯ ނޫންތޯ ކަނޑައެޅުން މަތިކުރެވުނީ "ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ" (ކޯނީ) އާއެވެ. ކޯނީ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ 14 ޖެނުއަރީ 2012އިން 8 ފެބުރުއަރީ 2012އަށް ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ، ކޯނީ ރިޕޯޓުން އެނގުނު ކަމަކީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް ކަމެވެ. އަދި އެމަނިކުފާނު އިސްތިއުފާދެއްވީ އަމިއްލަ އިހުތިޔާރުގައި ކަމެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވި ގޮތް، "ދުވާލު އިރު ފެންނަ ފަދައިން" ސާފުކޮށް ފެންނަން އޮތްއިރު، އެކަން ކުރެއްވުމުގައި އަމިއްލަ އިޚުތިޔާރެއް ނެތްކަމަށާއި އެމަނިކުފާނުެ އެއަމަލުގައި ޤާނޫނާ ޚިލާފު މަޖުބޫރެއް ނުވަތަ ޤާނޫނާ ޚިލާފު ބިރުދެއްކުމެއް އޮތްކަން ސާބިތުކޮށްދެއްވުމަކީ، ރައީސް ނަޝީދަށް އޮތް ކަމެކެވެ. އެކަމަކު އެކަން އަދި މިހާތަނަށް ސާބިތުކޮށް ދެއްވިފައެއްނުވެއެވެ.
ކޮންމެ ގޮތެއްވިޔަސް ހަތެއް ފެބުރުއަރީއަކީ ކަޅު ދުވަހެކެވެ. މިއީ ދުސްތޫރީ ހަޔާތުގެ ކަޅު ސަފުހާއިން މިންވަރެކެވެ.
ކަޅުދުވަހެއްނޫން...ދިވެހިރާއްޖެ އަނދަވަޅަކުން ސަލާމަތް ވިދުވަހެއް، ނާގާބިލު މީހެއްގެ ކިބައިން ގައުމުސަލާމަތްވީ...