ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ކަލާފާނު ސްކޫލާއި މާލެ އަތޮޅު ގުރައިދޫ ސްކޫލް ބައްދަލުކުރި މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުށްވެރިކޮށްފިއެވެ.

މި ހަމަނުޖެހުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައިބުނީ އިއްޔެ ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ސްކޫލުތަކުގެ 17 އަހަރުން ދަށުގެ ޢުމުރުފުރާގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި، މެޗު ނިމުމުން ދަނޑަށް އަރާ ސަޕޯޓަރުންގެ ބަޔަކުވަނީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ހިންގާފަކަމަށެވެ.

މިފަދަ މުބާރާތްތައްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާޢީ އަދި އަޚުލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޙަރަކާތްތަކެއްކަން ފާހަގަކޮށް މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ބޭފުޅުންގެ ފަރާތުންވެސް އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިއުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް މިނިސްޓްރީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސްޕޯޓަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ކ. ގުރައިދޫ ސްކޫލްގެ ސަޕޯޓަރުން ވަނީ ރެފްރީއަށް ހަމަލާދީ ދަނޑުގައި ހަމަނުޖެހުން ހިންގާފައެވެ.