ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދޭން މިނިސްޓްރީ އޮފް ފިނޭންސުން ނިންމައިފިއެވެ.

ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރި ލޯނެކެވެ.

މިކަމާގުޅިގެން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސްދުވަހުގެ މުއްދަތަކަށް އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން މި މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް ޖުމުލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސްކީމަކީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ފޯރުކޮށްދީ މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާ ގޮތަށް އެދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވާތީ ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ ފިނޭސް މިނިސްޓްރީގެ މަގުސަދެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށްވުމާއެކު މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް އީމެއިލް ކުރަންޖެހެއެވެ.

މި މުއްދަތު ހަމަވާ ތާރީހުގައި 90 ދުވަހަށްވުރެ ގިނަ ދުވަހަށް ފައިސާ ނުދައްކާ އޯވަޑިއުވެފައިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޮތްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.