މި ހަފްތާގެ ހޯމަ ދުވަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން، އެ ހަމަނުޖެހުން ހުއްޓުވުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓު) ދެއްކި ގަދަ ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އެ ދުވަހު ކުޅުނު 17 އަހަރުން ދަށުގެ އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި، ކ. ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށްފަހު ގުރައިދޫ ޓީމުގެ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި، ރެފްރީއަށް ހަމަލާދޭން މަސައްކަތްކުރި މަންޒަރެވެ. ރެފްރީންނަށް ހަމަލާދޭން މަސައްކަތްކުރި މީހުންގެ ތެރޭގައި އެ ޓީމުގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.

އެ މެޗުގައި ރެފްރީ އިންސާފުކުރީ ހަމަހަމަ އުސޫލެއްގެ ތެރެއިން ނޫންކަމަށް ބުނެ، އެ މީހުން ވަނީ މެޗަށްފަހު ރެފްރީ ވަށާލައި، ރެފްރީއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. މިއާއެކު ރެފްރީ ދަނޑުގެ ޕިޗު ދޫކޮށް ޗޭންޖިންގް ރޫމާ ދިމާލަށް ދުއްވައިގަތުމުން ވެސް އެ ފަރާތްތަކުން ވަނީ ރެފްރީގެ ފަހަތުން އައިސް، ހަމަލާދޭން މަސައްކަތްކޮށްފައެވެ.

މިއާއެކު ދެން ފެނުނީ، ރެފްރީގެ ދިފާއުގައި ނޫމާން ދުވެފައި އައިސް، ރެފްރީގެ ގައިގައި އެ ފަރާތްތަކުން ޖެހިޔަ ނުދިނުމަށް މަސައްކަތްކުރި މަންޒަރެވެ. މި މަސައްކަތުގައި ނޫމާންއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ ދެއްކީ، ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގައިގައި ހުންނަން ޖެހޭނެ ރިވެތި ޑިސިޕްލިންއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނޫމާން އަކީ، ގުރައިދޫއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމެވެ. އޭނާ ނުކުތީ އަމިއްލަ ރަށުގެ ރައްޔިތުންނާ ދެކޮޅަށް، ރެފްރީގެ ދިފާއުގައި، ފުޓުބޯޅައިގެ ރިވެތި އުސޫލު ދެމެހެއްޓުމަށް ކަމެވެ.

ރެފްރީއަށް ދޭން އުޅުނު ހަމަލާ ހުއްޓުވުމަށް ނޫމާން މަސައްކަތްކުރަނީ ----

ނޫމާންގެ މި އަމަލަށް ގިނަބައެއްގެ ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު، މިކަމާ ގުޅޭގޮތުން "ވީނިއުސް"އާ ވާހަކަދައްކަމުން އިތުބާރު ޑިފެންޑަރު ބުނީ، ރެފްރީއަށް ހަމަލާދިނުން ހުއްޓުވުމަށްޓަކައި އޭނާގެ އިތުރުން ޓީމުގެ ބައެއް އޮފިޝަލުންނާއި އިތުރު ދެތިން މީހަކު ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފުޓުބޯޅައިގައި އޮންނާނީ ބަލިވުމާއި މޮޅުވުން ކަމަށްވާއިރު، އަމިއްލަ ރަށުގެ ރައްޔިތުން ވިޔަސް، ގޯސްކަމެއް ވާނީ ގޯސްކަމަކަށް ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ނޫމާން ބުނެފައިވެއެވެ.

"ފުޓުބޯޅައިގައި އޮންނާނީ ބައްޔާއި މޮޅާ، ރެފްރީއަށް ބަލާއިރު އޭނާ އަކީ ވެސް ދަނޑުމަތީގައި ހުންނަ އެންމެ މީހެއްދޯ. އެކަހަލަ ކަންތައްތައް ދެން ދޯ. މަގޭ ރަށަކަސް ގޯސްކަމެއް ކޮށްފިއްޔާ ވާނީ ގޯސްކަމަކަށް ދޯ މަ ބަލައިގަންނަ ގޮތުގަ. ދެން އޭގަ އަސްލު ބޭރުން (މީހުން) އަރާ ހުރިހާ ކަމެއް ކޮށްފަ އެހުރީ. ކުޅުންތެރިންގެ ގޮތުގަ އޭގެއިން އެ ފެންނަނީ އެންމެ ކުޅުންތެރިއެއް ކަންނޭނގެ. އޮފިޝަލުން ވެސް ހަމަ ދުރުކުރަން ވެގެން ހުރިހާ މަސައްކަތެއް ކޮށްފަ އެހުރީ".
އަހްމަދު ނޫމާން (ހެލްމެޓު)

ވީނިއުސްއާ އިތުރަށް ވާހަކަދައްކަމުން ނޫމާން ބުނީ، ރެފްރީންނަށް ހަމަލާދޭން އުޅުނު މީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާއަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ.

އަނިޔާވެރިކަން ހުއްޓުވައި ފުޓުބޯޅައިގެ އުސޫލުތައް ދެމެހެއްޓުމަށް ނޫމާން ކުރި މަސައްކަތާއި ދެއްކި ހިތްވަރާއި މިސާލަށް، މީސްމީޑިއާގައި ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އެގޮތުން އޭނާގެ މަސައްކަތް، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކޯޗުން ވެސް ވަނީ ފާހަގަކޮށް، އޭނާއަށް ތައުރީފުކޮށްފައެވެ.

އެ މެޗަށްފަހު ހިނގައިދިޔަ ކަންތައްތައް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، މި މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ދީފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުވެސް ވަނީ އެދިވަޑައިގެންފައެވެ.

ސްކޫލް ކުދިންތަކެއްގެ މެދުގައި ކުޅޭ މުބާރާތެއްގެ ތެރެއިން ހިނގައިދިޔަ މި ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

މި ހަމަނުޖެހުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައިބުނީ، މެޗު ނިމުމުން ދަނޑަށް އަރާ ސަޕޯޓަރުންގެ ބަޔަކުވަނީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ހިންގައިފަކަމަށެވެ.

މިފަދަ މުބާރާތްތައްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާޢީ އަދި އަޚުލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޙަރަކާތްތަކެއްކަން ފާހަގަކޮށް މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ބޭފުޅުންގެ ފަރާތުންވެސް އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިއުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.