މީގެ ހަތް އަހަރުފަހުން ބާއްވާ ފީފާ ވޯލްޑް ކަޕް 2030 މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ހޯދުމަށް، ސައުދީ އަރަބިއްޔާއިން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.
ބޭރުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ސައުދީން އެ މުބާރާތް ހޯސްޓުކުރަން ނިންމާފައިވަނީ އިތުރު ދެ ގައުމަކާ ގުޅިގެން، ތިން ގައުމުގައި މެޗުތައް ކުޅޭ ގޮތަށެވެ. އެހެންނަމަވެސް މުބާރާތުގެ ހަތަރު ބައިކުޅަ ތިންބައި މެޗުތައް ކުޅެން ޖެހޭނީ ސައުދީގައި ކަމަށް އެ ގައުމުން، ދެން މުބާރާތް ހޯސްޓުކުރުމަށް ދައުވަތުދޭ ގައުމުތަކަށް ޝަރުތުކުރާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ސައުދީން އެ ގައުމާއެކު ދެން އެ މުބާރާތް ހޯސްޓުކުރުމަށް ދައުވަތުދޭނީ ގްރީސްއާއި މިސްރަށް ކަމަށްވެއެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތިން ގައުމުން މިހާރު ދަނީ ޕްރޮޕޯސަލްއެއް ތައްޔާރުކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ބާއްވަމުންނެވެ. މި ތިން ގައުމާ ދެކޮޅަށް، ވޯލްޑް ކަޕް 2030 ހޯސްޓު ކުރުމުގެ ބިޑު ހުށަހަޅާނެކަމަށް ބެލެވެނީ، ސްޕެއިންއާއި ޕޯޗުގަލްއަދި ޔޫކްރެއިންއިން ގުޅިގެން ހުށަހަޅާ ބިޑަކާއި، ސައުތު އެމެރިކާއިން ބްރެޒިލްއާއި ޕެރަގުއާއި، އުރުގުއާއި އަދި ޗިލީ ގުޅިގެން ހުށަހަޅާ ބިޑެކެވެ.
މި މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ހޯދާނީ މީގެތެރެއިން ކޮން ބިޑެއްކަން އެނގޭނީ، 2024 ވަނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްއަށްފަހުއެވެ. ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ސައުދީން މިސްރާއި ގްރީސްއާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ، އެ ދެ ގައުމުގައި ސްޓޭޑިއަމްތަކެއް އަޅަން މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭ ގޮތަށެވެ. މިއީ މި ބިޑު ކާމިޔާބުކުރަން އެ ގައުމުން ކުރާނެ ބޮޑު އިންވެސްޓްމަންޓަކަށް ވާނެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ސައުދީ ލީގުގެ އަލް ނަސްރާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ވެސް މި މަސައްކަތުގައި ބޮޑު އެހީތެރިކަމެއް ސައުދީއަށް ލިބޭނެއެވެ. އަދި އެ މުބާރާތުގެ އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސާނީ ރޮނާލްޑޯ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މެދުއިރުމަތީ ގައުމެއްގައި ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމައި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ފީފާއަށް އަމާޒުވި ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި ގަތަރުގައި ބޭއްވި ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ، އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ގުޅިގެންނެވެ.