މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރުދިޔުމަށް ޚާއްޞަކޮށްގެން ސަރުކާރުން ރަށެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމައެއް މަގުފަހިކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުޑަގިރި ހުޅުވާދެއްވުމަށް މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާވަންތަ ދިރިއުޅުންކަން ފާހަގަކުރައްވައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން ލިބެމުންއައި ކުޑަބަނޑޮސް ވެސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އެރަށް އަތުލައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާކަން ރައީސްގެ ވާހަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިމަތިވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމާއި މިއަދު ހުޅުވުނު ކުޑަގިރި ޕިކްނިކް އައިލެންޑާއެކު މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން އެފުރުޞަތު އަލުން ފަހިކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމެއް ކުރިއަރާނީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުން ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ބަޔަކަށްވެގެންކަމަށެވެ.
ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވަމުން ދިއުމަށްވެސް އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވެފައިވާފަދައިން ކިޔަވާކުދިން ދަތުރު އައިސް، ސްކައުޓާއި ގައިޑް ހަރަކާތްފަދަ ހަރަކާތްތަކުން ކޭމްޕްގޮސް ހެދުމަށް ކުޑަގިރިއާ ޖެހިގެން ކުޑަރަށެއް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންނަކީ ޖަޒީރާ ދިރިއުޅުމަކަށް ލޯބިކުރާ ބައެއްކަމަށާއި މިހާރު މާލެސިޓީގެ ރައްޔިތުންނަށް ކުޑަގިރި ޕިކްނިކް އައިލެންޑާއެކު ލިބިގެންދަނީ ޢާއިލާއާ ރަހުމަތްތެރިންނާއެކު ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތުކަން ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދިއުމަށް ރަށެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު މިއަދު އެ ވަޢުދުފުޅުވަނީ ފުއްދިގެން ގޮސްފައެވެ.