14 ވަނަ ގައުމީ ދިގުފެތުމުގެ މުބާރާތް، މި އަހަރު ބާއްވާނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދިއުމަށް ތަރައްގީކުރި ޕިކްނިކް އައިލެންޑް، ކުޑަގިރީގައި ކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، މުބާރާތް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި ގުޑަގިރި ޕިކްނިކް އައިލަނޑްގައި ބާއްވާ މި މުބާރާތް ރާވާފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މުބާރާތް ކުރިއަށް ގެންދާނީ ހަތަރު ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެގޮތުން ނޭޝަނަލް ކެޓަގަރީގައި، ފަސް ކިލޯމީޓަރުގެ ރާސްތާއެއް ފަތަންޖެހޭއިރު، މި ބައިގައި ވާދަކުރެވޭނީ 2008 ވަނަ އަހަރު ނުވަތަ އެއަށްވުރެ ކުރިން އުފަންވެފައިވާ ފަރާތްތަކަށެވެ. މި ބައިގައި ދެ ޖިންސުގެ ފެތުންތެރިންނަށް ވެސް ވާދަކުރެވޭނެއެވެ. މި ބައިގެ އެއްވަނައަށް ލިބޭނެ ޓައިޓަލް އަކީ، ނޭޝަނަލް އޯޕަން ވޯޓަރ ޗެމްޕިއަން އެވެ.

ތިން ކިލޯމީޓަރުގެ ރާސްތާއެއް ފަތަންޖެހޭ ޖޫނިއަރ ނޭޝަނަލް ކެޓަގަރީގައި ބައިވެރިވެވޭނީ 2009 އިން 2011 އާއި ދެމެދު އުފަންވެފައިވާ ފަރާތްތަކަށެވެ. މި ބައިގެ ޗެމްޕިއަން ޓައިޓަލް އަކީ، ޖޫނިއަރ ނޭޝަނަލް އޯޕަން ވޯޓަރ ޗެމްޕިއަން، މިއީއެވެ.

ދެން އިން ކެޓަގަރީ އަކީ، ސްވިމް ޗެލެންޖް އެވެ. މިއީ ކޮމިއުނިޓީ ކެޓަގަރީއެކެވެ. މި ކެޓަގަރީގައި ފަތަން ޖެހެނީ އެއް ކިލޯމީޓަރެވެ. މި ކެޓަގަރީގައި ބައިވެރިވެވޭނީ 2011 ވަނަ އަހަރަށްވުރެ ކުރިން އުފަންވެފައިވާ ފެތުންތެރިންނަށެވެ.

މި މުބާރާތުގެ އެންމެފަހު ކެޓަގަރީ އަކީ، ކުޑަކުދިންނަށް، ކޮމިއުނިޓީ އިވެންޓެއްގެ ގޮތުގައި ބާއްވާ 500 މީޓަރުގެ ކިޑްސް ސްވިމް ޗެލެންޖެވެ. މި ބައިގައި ބައިވެރިވެވޭނީ 2012، 2013، 2014 އަދި 2015 ގައި އުފަންވެފައިވާ ކުދިންނަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގެ ބައިވެރިވުމަށް ފުރަންޖެހޭ އޮންލައިން ފޯމް، 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.