ލޯނު ދެއްކުމަށް ދައުލަތުން މިއަހަރުގެ މިހާތަނަށް 446.4 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ހަފްތާގެ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް ދައުލަތުން މިއަހަރު 446.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކުރީ އަހަރު މި މުއްދަތުގައި ދައުލަތުން ލޯނަށް ދެއްކުމަށް ހޭދަކޮށްފައިވަނީ 329 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުން ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން އެކި ކަންކަމަށް ހޭދަކޮށްފައިވަނީ ޖުމްލަ 3.5 ބިލިއަން ރުފިޔާއެވެ. ކުރީ އަހަރު މި މުއްދަތުގައި ދައުލަތުން ހޭދަކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރު މި މުއްދަތުގައި ދައުލަތުން ކުރި ހޭދަ ވަނީ 25 އިންސައްތަ އިތުރުވެފައެވެ.

ދައުލަތުން ކުރި ހޭދަ މިއަހަރު އިތުރުވެފައިވާއިރު، ދައުލަތުން ކުރިހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ރިކަރަންޓް ހަރަދުތަކަށް ދައުލަތުން 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެތެރޭގައި، މުސާރަ، ޕެންޝަން، އިދާރީ، ހިންގުމުގެ ހަރަދުތައް ހިމެނޭކަމަށް ތަފާސްހިސާބުން ދައްކައެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަރައްގީގެ މަޝްރޫއުތަކަށް މިއަހަރު ދައުލަތުން ހަރަދުކޮށްފައިވަނީ 651.7 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުން ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނީ 3.8 ބިލިއަން ރުފިޔާއެވެ. އޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. އެއީ ޖުމްލަކޮށް ދައުލަތައް ލިބުނު އާމްދަނީގެ 89 އިންސައްތައެވެ.