އީގަލްސްއާއެކު ކާމިޔާބީތަކެއް ހޯދައި، އެ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން ތަޖުރިބާކާރު ކޯޗު، އިހުސާން އަބްދުލްޣަނީ (ސާންތީ) އެ ކުލަބުގެ ކޯޗުކަމާ އަލުން ހަވާލުވެއްޖެއެވެ.
އީގަލްސްއިން ހާމަކޮށްފައިވާ ގޮތުގައި ސާންތީ އެ ކުލަބުގެ ކޯޗުކަމާ އަލުން ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އައު ސީޒަނަށް ތައްޔާރުވުމަށް އީގަލްސްއިން އެ ޓީމުގެ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ޒުވާން ކުޅުންތެރިންތަކެއްގެ ސޮއި ވެސް މިފަހުން ހޯދާފައިވާއިރު، ސާންތީ ފާހަގަކުރެވެނީ، ޒުވާން ކުޅުންތެރިންނާއެކު ޓީމު ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ ކޯޗެއްގެ ގޮތުގައެވެ. މިގޮތުން އޭނާ އީގަލްސްގައި ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
އެގޮތުން ސާންތީގެ ކޯޗުކަމުގައި އީގަލްސްއިން ޓީމެއް ބިނާކޮށް، ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނެވެ. އޭގެތެެރެއިން، 2016 ވަނަ އަހަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މިއީ އީގަލްސްއިން މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
2017 ވަނަ އަހަރުގެ ތެރޭގައި އީގަލްސްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދިން ސާންތީ، މިދިޔަ ދެ ސީޒަނުގައި ވެސް މަސައްކަތް ކޮށްފައިވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ހެޑް ކޯޗުގެ ގޮތުގައެވެ.
ސާންތީ އެންމެފުރަތަމަ އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރުއެވެ. އޭގެ ގާތްގަނޑަކަށް ހަ އަހަރުފަހުން އެ މަގާމުން އިސްތިއުފާދިނުމަށްފަހު ދެން ސާންތީ ވަނީ ފުޓުބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ އުފުލާފައެވެ. އެފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް ސާންތީ އަދާކޮށްފައިވެއެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސްއިން ކުރަމުން އަންނަ މަސައްކަތުގައި އެ ޓީމުން ގެނައި ކުޅުންތެރިންގެ ތެރޭގައި، ފާއިތުވީ އަހަރުތަކުގެ ތެރޭގައި ޔޫވީގައި ސާންތީގެ އިރުޝާދުގެ ދަށުން ކުޅުނު ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމްގެ ސޮއި ވަނީ ހޯދާފައެވެ. މީގެއިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި، ކުރިން އީގަލްސްއަށް ކުޅުނު އަދި ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ، މުބީން އިބްރާހިމް (މުއްކި)ގެ ސޮއިވެސް އީގަލްސްއިން ވަނީ ހޯދާފައެވެ.
އީގަލްސްގެ ކޯޗުކަމާ ސާންތީ ހަވާލުވިއިރު، ފާއިތުވި ސީޒަންގައި އެ ޓީމުން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެދަށުން ކުޅެފައެވެ. އެއީ މުހައްމަދު ޝާޒްލީ (ޝާޒް)އާއި ވަގުތީ ހެޑް ކޯޗެއްގެ ގޮތުގައި އީގަލްސް ގޮވައިގެން އުޅުނު އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ އިތުރުން މިދިޔަ ސީޒަނުގެ ނިޔަލަށް ޓީމަށް އިރުޝާދުދިން މުހައްމަދު އާތިފް (އާތީ)އެވެ.