ގިނަ ދުވަސްތަކަކަށްފަހު އޮލިމްޕަހުގައި ދިވެހިންނަށް ފިލްމެއް ބަލާލުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.

ދިވެހިން މިކަމަށް އިންތިޒާރުކުރާކަން ހާމަވާ އެއްކަމަކީ، އޮލިމްޕަސް ހުޅުވުމާއެކު އެޅުވި ފުރަތަމަ ފިލްމަށް ވެސް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިއުމެވެ.

މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓް އިން މިހިނގާ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި "ބީވީމާ"ގެ ޕްރިމިއާ ޝޯވއިން ފެށިގެން މިއަދާ ހަމައަށް ކޮންމެ ޝޯވއަކަށް ވެސް ބޮޑު ތަރުހީބެއް އެބަލިބެއެވެ. ގިނަ ޝޯވތައް ހަމަ މުޅިން ހައުސްފުލް އެވެ.

މި ފިލްމާ ގުޅިގެން ތަފާތު ގިނަ ވާހަކަތަކެއް ދެކެވެމުންދިޔައެވެ. މިއީ ތަމަޅަ ފިލްމެއްގެ "ކޮޕީ"އެއް ކަމަށް ބުނެއެވެ. ތެދެކެވެ. ތަމަޅަ ފިލްމް، "96"އާއި "ބީވީމާ"އާ މާބޮޑު ތަފާތެއް ނެތެވެ. އެއް ވާހަކައެވެ. ގާތްގަނޑަކަށް އެއް ޑައިލޮގް ތަކެއް ވެސް މެއެވެ. އެހެންނަމަވެސް މިއީ މި ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ހައުސްއިން ސިއްރުކުރާ ކަމެއް ނޫނެވެ.

https://www.facebook.com/photo/?fbid=635195498614717&set=a.466102275524041

ޑާކްރެއިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިލްމަކީ ތަމަޅަ ފިލްމް އަސްލަކަށް ބަލައިގެން ހަދާފައިވާ އެ ފިލްމުގެ ރިމޭކް އެކެވެ. މިއީ މައްސަލައެއް ކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. ތަމަޅަ ފިލްމް ތަކަކީ، އޭގެ ވާހަކަ ރީތި، ހިތާ ކުޅެލާފަދަ މަންޒަރުތަކެއް ގެނެސްދޭ ފިލްމުތަކެކެވެ. ބޮލީވުޑުގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް، ތަމަޅަ ފިލްމުތައް ބަލައިގެން އޭގެ ހިންދީ ރީމޭކް އުފައްދަނީ ކޮންމެވެސް ސަބަބަކާ ހުރެތާއެވެ. ދިވެއްސަކު މިފަދައިން ކަން ކުރުމުން އެކަން މާބޮޑު ކަމަކަށް ވާންވީ ސަބަބެއް އޮންނާން ޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަށް، ކިޔުންތެރިންނަށާއި، އޮލިމްޕަހުން "ބީވީމާ" ބެލި ފަރާތްތަކަށް ދޫކޮށްލާނަމެވެ. މި މައުލޫއަށް، މި ރިވިއުގައި އިތުރު ވާހަކަތަކެއް ހިއްސާކުރާކަށް ނެތީމެވެ. "96" އަކީ ވެސް ހަމަ އިނގިރޭސި ފިލްމު، "ބްލޫ ޖޭ"އިން އިންސްޕަޔާ ވެގެން އުފައްދާފައިވާ މޮޅު ފިލްމެކެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވި އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު، ހަމަ ވަރަށް ފުރިހަމަ

https://www.youtube.com/watch?v=RpR5eh5MXvk

ފިލްމުގައި ގެނެސްދިނީ މީގެ އަހަރުތަކެއް ކުރިން، ރާއްޖޭގައި ވެސް ކަން ހިނގާ ގޮތުގެ ވާހަކައެވެ. އަތޮޅުތެރޭގެ ރަށެއްގައި، ތައުލީމު ހާސިލްކުރަމުންދިޔަ ދެ ކުއްޖެއްގެ، ނާކާމިޔާބު ލޯބީގެ ވާހަކައެވެ. މި ފިލްމުގައި ވާގޮތް ކިޔައިދީ، ފިލްމު އަދި ނުބަލާ ފަރާތްތަކަށް މި ފިލްމުގެ ކުރި މަރާލާކަށް ނެތީމެވެ.

ބުނެލަން އޮތްހާ ވެސް ވާހަކައަކީ، ހަރު އުމުރުގެ ގިނަ ބަޔަކު މި ފިލްމު ބަލަން ވަދެތިބިއިރު، އެ ހުރިހާ ފަރާތްތަކަކަށް ވެސް އެ މީހުންގެ މާޒީގެ ދުވަސްތަކުގެ ހަނދާންތައްއައުވި ކަމުގެ އިހުސާސް، އަހަންނަށް ކުރެވުނު ވާހަކައެވެ. ފިލްމު ބަލަން ވަދެތިބި ޒުވާން އުމުރުގެ ކުދިން، އަޑުގަދަކޮށް، މަޖާކުރަން ތިބި ނަމަވެސް، ހަރު އުމުރުގެ ފަރާތްތަކުން ތިބީ ބަސް ހުއްޓިފައެވެ. އެމީހުންގެ ހަޔާތުގެ ސަފްޙާއެއް ބޮޑު ސްކްރީނުން ދައްކަނީހެން ވެސް ހީވާކަހަލައެވެ. މި ފިލްމުގައި ޑައިރެކްޓަރު ކިޔައިދޭން ބޭނުންވި ވާހަކަ އެހާ ވެސް ސާފުކޮށް، ތިލަކޮށް ގެނެސްދީފައިވެއެެވެ.

ސްޓޯރީލައިންގެ އިތުރުން ފިލްމުގެ އެންމެ ކުދިކުދި "ޑީޓެއިލްސް"އިން ފެށިގެން އެންމެ ބޮޑެތި ކަންކަން ވެސް ހަމަ އެހާ ފުރިހަމައެވެ. ހާއްސަކޮށް މި ފިލްމުގައި ކެމެރާގެ މަސައްކަތް ފުރިހަމަކަން ފާހަގަކޮށްލެވެއެވެ. މާޒީގެ ހަނދާންތައް އައުކޮށްލަން ބޭނުންވާ ފަރާތްތަކަށް، އެކްޓަރުންގެ މޭކަޕުންނާއި، ކޮސްޓިއުމްއިން އެކަން ހާސިލްކުރެވެއެވެ. ވިޝުއަލްސްއާއި ފިލްމުގެ ސިނަމެޓޮގްރަފީ ވެސް ހަމަ އެހާ ނަލައެވެ.

ފާހަގަކޮށްލެވޭ އެހެން ކަމަކީ، މި ފިލްމުގައި ދައްކައިދެނީ އިހު ޒަމާން ކަމަށްވާއިރު، ފިލްމުގައި ގައިގޯޅި މަންޒަރުތަކެއް ފެނިގެންނުދާކަމެވެ. މި ޖީލުގެ ޒުވާން ކުދިންތަކެއް ފިލްމު ބަލަން ވަދެތިބެ، އެފަދަ މަންޒަރެއް ފެންނާނެކަމުގެ އުއްމީދުގައި، ފާޑުފާޑު ހަޅޭކުގެ އަޑުތައް އިއްވަމުންދިޔަ ނަމަވެސް، އެފަދަ އެއްވެސް މަންޒަރެއް މި ފިލްމުން ނުފެނެއެވެ. 15 އަހަރުން މަތީގެ އޯޑިއަންސަކަށް އަމާޒުކޮށް ހެދި މި ފިލްމު ބަލައިލާން ކޮންމެ އުމުރެއްގެ މީހަކަށް ވެސް ވަދެވިދާނެޔޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ފިލްމުގެ ކާސްޓުންގެ މަސައްކަތަށް ވެސް ހަމަ 100

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ބައިނަލްއަގްވާމީ އެވޯޑުތައް ވެސް އެކްޓިންގް އިން ހޯދާފައިވާ ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ފިލްމީތަރި، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)އާއި، އެކްޓިންގެ ދާއިރާއަށް މުޅިން އަލަށް ނުކުތް، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އެވެ. އެހެންނަމަވެސް އެ ދެ ކެރެކްޓަރުގެ ޅަ ދުވަސްތައް ދެއްކި މަންޒަރުތަކުން ފެނިގެންދިޔައީ، އައިމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ)އެވެ. މި ތަރިން ކުޅުނީ ފިލްމުގެ ލީޑުން ފެނިގެންދާ، އަޔާޒް އާއި ރާނިޔާގެ ރޯލެވެ.

ކޮޕީ އިއްސެގެ އެކްޓިންގްއާ ގުޅޭގޮތުން މާބޮޑު ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެތާއެވެ. އެއީ ހަމަ އެހާވެސް ކުޅަދާނަ ތަރިއެކެވެ. އާޝާ އަކީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރިއެވެ. ދެން އޮތީ، މުޅިން އަލަށް އެކްޓިންގް ދާއިރާއިން ފެނިގެންދާ އަޝްފާއާއި ނާނަގެ ވާހަކައެވެ.

އަޔާޒްގެ ކެރެކްޓަރ އިން ފެނިގެންދިޔަ ނާނަ ވަނީ ކޮޕީ އިއްސެއެކޭ އެއްފަދައިން އެ ކެރެކްޓަރ އަށް ވަރަށް ފުރިހަމައަށް އިންސާފުކޮށްދީފައެވެ. މައުސޫމް، މަޑުމައިތިރި މިޒާޖެއްގެ އަޔާޒްގެ ރޯލު، މި ދެ ތަރިންނަށް ވުރެ ފުރިހަމައަށް އެހެން އެކްޓަރަކަށް ގެނެސްދެވިދާނެކަމާމެދު ޝައްކެވެ.

ލަވަކިޔުމުގެ ދާއިރާގައި، އަންހެން ވޯކަލިސްޓުންގެ ތެރެއިން އެންމެ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަޝްފާ ސާބިތުކޮށްދިނީ އޭނާއަށް ހަމަ ހަގީގަތުގައި ވެސް އެކްޓު ކުރެވޭނެކަމެވެ. އެކަމަށް ސުވާލު އުފެއްދި ފަރާތްތަކަށް އަޝްފާ ފިލްމުގައި ދެއްކި އެކްޓިންގްއިން ވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދީފައެވެ.

މި ފިލްމާ ގުޅޭގޮތުން ޖުމްލަކޮށް ބަހެއް ބުނާނަމަ، ފިލްމުގައި ހަމަ ހުރިހާކަމެއް ވެސް ފުރިހަމައެވެ. ރޮމޭންސް، ކޮމެޑީ، ޑްރާމާ އަދި މި ނޫން ވެސް އެތައް "ޖޯންރާ"އަކަށް މި ފިލްމު ފެތެއެވެ. މި ފިލްމު ފުރިހަމަކަމާއެކު ގެނެސްދިނުމަށް ޑާކްރެއިންގެ ޓީމުން، ހާއްސަ ގޮތެއްގައި ޑައިރެކްޓަރ އަދި ސްކްރީންރައިޓަރު އަހްމަދު ޒަރީރު ކޮށްފައިވާ މަސައްކަތަށް ހަމަ ތައުރީފު ހައްގެވެ.

ޑާކްރެއިންގެ "މޮގާ" މި ވަނީ، ފާޑުކިޔުންތެރިންގެ ދޫތަކުން އެ ފާޑުކިޔުން "ބީވާ" ވަރުގެ މަސައްކަތެއް ކޮށްފައެވެ.