ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް، ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ހައިކޯޓުގެ މި އިންތިޒާމުތައް ބައްލަވާލެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ދަޢުވަތަކަށް އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި، ޤަޟާއީ އަހަރު 2023 އާ ގުޅިގެން ބޭއްވުނު އެނުއަލް ޖުޑީޝަލް ކޮންފަރެންސްގައި އެމަނިކުފާނުވަނީ ބައިވެރިވެވަޑައިގެން ތަޤްރީރު ކުރައްވާފައެވެ.

ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ މިއަދު ވަނީ ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި އަދި ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާއާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް އެ މަނިކުފާނު ބައްލަވައިލެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.