މަގުމަތީގެ ގަވާއިދުތައް ހިމެނޭހެން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ އާންމު މަސްލަހަތު އޭގައި ހިމެނޭ ކަންކަމަށް ވީއިރު، ފަރުދުންގެ މަސްލަހަތަށް އިޚްތިރާމްކުރުމުގެ ގޮތުން ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބައި ޢަމަލުކުރުމަކީ ހަމަ ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެކެވެ. ޒިންމާދާރު ނުވެވިއްޖެނަމަ އެއީ މުޅި މުޖުތަމައަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.
މަގުމަތީގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމަށް އަދި ޕާކު ކުރުމަށް ވެސް ގާނޫނުތަކާއި ގަވާއިދުތަކެއް އެކުލަވާލައި ތަންފީޒުކުރަމުން އަންނަނީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާއި ހެވަށެވެ. އެހެން ނަމަވެސް، ހިތި ހަގީގަތަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ދެންނެވި ގާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ނުހިތާކަމެވެ. މި ކަމުގެ ތަކުލީފު ދެންތިބި ރައްޔިތުން އުފުލަންޖެހޭތީއެވެ.
މިހާރު ސޯޝަލްމީޑިއާގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނޑުތަކުގައި ސްޓިކާ ޖަހާ ވާހަކައެވެ. ވެލާނާގެ ކުރިމައްޗަށް އޮންނަ އަމީރުއަހުމަދުމަގުގެ އެއްކޮޅުން އަނެއްކޮޅަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކެއްގައި ފުލުހުން ގޮސް ސްޓިކާ ޖެހީޔޯލައެވެ. ވެލާނާގޭގެ ކުރިމަތީގައި އޮންނަ ދެ މަގުގައި ޕާކުކޮށްފައި ހުރި ވަރަށް ގިނަ ސައިކަލްތަކުގައި ފުލުހުން އާދީއްތަ ދުވަހު ސްޓިކާ ޖެހިއެވެ. އެއީ ޕާކުކުރުން މަނާ ތަންތަނެވެ. ނަމަވެސް، ފަރުވާލެއް ނެތި، އެތަނުގައި މީހުން ވެހިކަލް ޕާކުކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ބޭނުންވަނީ ޚިދުމަތް ހޯދަންދާ ތަނުގެ ދޮރުމަތީ ޕާކުކޮށްލަންށޭ ބުނާ ކަހަލައެވެ.
ވެލާނާގެއަކީ ޤައުމީ ބޭންކުގެ އޭޓީއެމް ބޫތަކާއި މޯލްޑިވްސް ޕޯސްޓް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަނަކާއި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގެ އިދާރާ ހުރި އިމާރާތެކެވެ. އެކަމަކާ އަހަރެން ދެކޮޅު ނުހަދަމެވެ. މަސައްކަތު ދުވަހެއްގައި ނަމަ އެތައް ބަޔަކު ޚިދުމަތް ހޯދަންދާ ވެލާނާގެއަށް ދެއެވެ. އެކަމަކާވެސް ދެކޮޅެއް ނުވަމުއެވެ. ތެދެކެވެ. ޕާކުކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނަމޭ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އަނެއްކޮޅުން ވެލާނާގެއާ އިންވެގެން އޮންނަ ޕާކިން ޒޯން ފުރި ޖާގަ ނެތް ވަގުތުތައްވެސް އާދެއެވެ.
ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ވާހަކައަކީ، ގޯސް ތަނެއްގައި ޕާކުރަން ދެއްކޭނެ އުޒުރެއް ނޫނެވެ. ޤާނޫނާއި ގަވާއިދު މުގުރަން އޮތް ހުއްޖަތެއްވެސް ނޫނެވެ. ފުލުހުން، ވަނީ މަޖީދީމަގާއި ޗާންދަނީމަގުގައިވެސް ޕާކުކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިޖކަލުތަކުގައި ސްޓިކާ ޖަހައިފައެވެ. އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު ބުނާގޮތުގައި، އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އެ އުޅަނދުގެ ވެރިފަރާތް 250ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އާނއެކެވެ. ސްޓިކާ ޖަހާނެއެވެ. ދެންވެސް ސްޓިކާ ޖަހާނެއެވެ.
މަގުމަތީގެ ގަވާއިދުތަކާ ޚިލާފުވީމާ ފިޔަވަޅުވެސް އަޅާނެއެވެ. މިއީ ރާއްޖޭގައި އެކަނި ކުރާ ކަމެއްވެސް ނޫނެވެއެވެ. ތަހުޒީބު މުޖުތަމައުތަކުގައި މިއަށްވުރެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުން ހަރުކަށިވެސް މެއެވެ. ފުލުހުން އަދާކުރަނީ އެމީހުންގެ ޒިންމާއެވެ. ގޯސް ހަދާފައި އަދަބު ލިބުމުން ފުލުހުން ގޯސްކުރާނެ ކަމެއް ނެތެވެ. ނޫނީ ރައީސް އެވެނިމިވެނި ވާހަކައެއް ވިދާޅުވިއޭ ބުނެ ބަހަނާ ދައްކާނެ ކަމެއް ނެތެވެ. ގޯސްވާނީ ގޯހަށެވެ.
މިހާރު ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ މަންޒަރެކެވެ. މަގުގެ އެއްކޮޅުން އަނެއްކޮލަށް ގޯސްކޮށް ޕާކުކޮށްފައި ހުރި ވެހިކަލްތަކުގައި ސްޓިކާ ޖަހާފައި ހުއްޓާ، އެމަންޒަރު ފެނިމެ، ސައިކަލެއްގައި ދިޔަ މީހަކު، ދެ ސައިކަލެއް ދޭތެރެއަށް ޕާކަށް ޖަހާލަނީއެވެ. އަދިއެވެސް ޒިބްރާ ކްރޮސް މަތީގައެވެ. އެވަގުތު ކަފިހި ހުރަހުން ހުރަސްކުރަން ދިޔަ މީހަކަށްވެސް ނުބަލައި އޭނާއަށް ހުރަސްކުރާނެ ފުރުސަތެއްވެސް ނުދީ ކަން ނިންމާލީއެވެ. ޕާކު ކުރެވުނީމާ ހެޔޮތާއެވެ. ނެތް ކަމަކީ އަނެކާއަށް ޖެހޭނެ ހާަލެއް ލިބޭނެ ތުރާލެއް ބެލުމެވެ. އިހަކަށް ދުވަހު އަހަރެންގެ ލޯކުރިމަތީ ޓެކްސީ ޑްރައިވަރަކު ގެއަށް ވަނީ ލޮނުޒިޔާރަތް މަގުގެ ޕޭވްމަންޓް މަތީ ކާރު ބާއްވާފައެވެ. ކިތަށް މީހުންނަށް އެކަމުން ދައްޗާއިއުނދަގޫވާނެތޯއެވެ؟
މާލޭގައި ޕާކިން މައްސަލަ ހައްލު ނުވެ އެތައް އަހަރެއް ދިގުލައިގެން ހިނގައްޖެއެވެ. ހައްލު ވާސިލުވުމަށް ޕާކިން ޒޯންތައް ތަރައްގީކޮށްފިއެވެ. އަދި ވެސް ކުރަނީއެވެ. އެކަމަކު މިގޮތަށް ހެދޭ ޕާކިން ޒޯންތަކުގެ ބޭނުން އެބަ ކުރެވޭތޯއެވެ. އެންމެ މިސާލެކެވެ. މާލޭގެ ނަން މަޝްހޫރު މަގުތަކުގެ ތެރެއިން ސޯސަންމަގަކީ މަގުގެ ދެ ފަރާތުގައި ވެސް ރީނދޫ ދެ ރޮނގު ދަމާފައިވާ މަގެކެވެ. މަގުގައި މިގޮތަށް ރީނދޫ ދެ ރޮނގު ދެމުމުން ބުނެދެނީ ޕާކުކުރުން މަނާވާނެ ކަމަށެވެ. ސޯސަން މަގުގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ސައިކަލެއް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް އޮވެއެވެ.
ނަމަވެސް މި ދެންނެވި ޕާކިން ޒޯންގައި ގަވާއިދާ އެއްގޮތަށް ޕާކުކުރުމުގެ ބަދަލުގައި ކަން ފަސޭހައަކަށް މަގުގައި ޕާކުކުރުން މަނާ ކަމަށް ފާހަގަކޮށްފައިވާ ތަނުގައި އެބަ ޕާކުކުރެއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ އޮޅުމަކުން ނޫނީ ނޭނގިގެން ކުރާ ކަމެކޭ ބުނެވޭކަށް ނެތެވެ. އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރަނީ މިގަވާއިދުތައް އެނގޭ މީހުނަށެވެ. ނޫންތޯއެވެ؟
މިއަދު މަގުމައްޗަށް ނުކުތުމުން މި ނޫނަސް ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކުރެވޭނެއެވެ. ގަވާއިދުތަކާއި ގާނޫނުތަކަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެއެވެ.