ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމާއި، ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި އެންމެ ނަން ހިނގާ ދެ ކުޅުންތެރިންގެ ސޮއި ހޯދާ، ދެވަނަ ޑިވިޝަނުގައި ކުޅޭ ވިކްޓްރީ ސްޕޯޓްސް ކުލަބުން މުޅި ދިވެހި ފުޓުބޯޅަ އާއިލާ ސިއްސުވާލައިފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން ވިކްޓްރީން ވަނީ، ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީއާއި، ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އުމެއިރު، އެ ޓީމުގެ ކުޅުންތެރިންގެ ގޮތުގައި ދައްކާލާފައެވެ.

ވިކްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަކްރަމްއާއި އުމެއިރު ވެސް އެ ޓީމާ ގުޅުނީ 10 މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަކުލުގެ އޮޕަރޭޝަނެއް ކުރި އަކުރަމް، މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރު އަކްރަމް ސީނިއާ ކެރިއަރު ފެށީ 2006 ވަނަ އަހަރު ވެލެންސިއާ އިންނެވެ. އެފަހުން އޭނާ ވަނީ، ނިއުރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބަ އަދި ކްލަބް އީގަލްސްއަށް ކުޅެފައެވެ. ވިކްޓްރީ، ނިއު، ވެލެންސިއާ އަދި މާޒިޔާ، މި ޓީމުތަކަށް އަކޫ އެކި ފަހަރުމަތިން ކުޅެފައިވެއެވެ.

ވިކްޓްރީއާ ދެން ގުޅުނު އުމެއިރު ސީނިއާ ކެރިއަރު ފެށީ ވެސް ވިކްޓްރީންނެވެ. އެއީ 2006 ވަނަ އަހަރުއެވެ. އެންމެފަހުން އޭނާ ވިކްޓްރީއަށް ކުޅެފައިވަނި 2012 ވަނަ އަހަރުއެވެ. އުމެއިރު ވަނީ ޒުވާން އުމުރެއްގައި ވިކްޓްރީގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

އުމެއިރު ކުޅެފައިވާ ކުލަބުތަކަށް ބަލާލާއިރު، ނިއުރޭޑިއަންޓް، ވެލެންސިއާ، ވީބީ ސްޕޯޓްސް ކްލަބް، މާޒިޔާ، ކްލަބް ގްރީން ސްޓްރީޓްސް ހިމެނެއެވެ.

އަކްރަމްއާއި އުމެއިރު ވިކްޓްރީގެ ޖާޒީއާއެކު- ފޮޓޯ: އަދަދު

މި ދެ ކުޅުންތެރިންގެ ސޮއި ހޯދުމުގެ އިތުރުން، ވިކްޓްރީން ވަނީ އިތުރު ސަޕްރައިޒްއެއް ވެސް ދީފައެވެ. އެއީ މިދިޔަ ސީޒަނުގައި ސަސްޕެންޝަންއިން ސަލާމަތްވެ ދެވަނަ ޑިވިޝަނުގައި ކުޅުނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ހުރި ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ)، އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖެއްސިކަން އިއުލާންކޮށްގެންވެ. ސޮބާ އެއްބަސްވީ ފަސް މަހުގެ ކޮންޓްރެކްޓެއް އާ ކުރާ ގޮތަށެެވެ. ސޮބާ އަކީ މީގެކުރިން ވިކްޓްރީގައި ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.

ސޮބާ ވަނީ ނިއު، ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ގެންގޮސްދީފައެވެ.

ފޮޓޯ: އަދަދު

ދެވަނަ ޑިވިޝަނުގައި ތަފާތު ދައްކައި، އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދުމަށް ވިކްޓްރީން ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރަމުން އަންނައިރު، ގިނަ ދުވަސްތަކަކަށްފަހު ވިކްޓްރީން ސަސްޕެންޝަނަށްފަހު އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައިސްފައިވަނީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިންނެވެ.

އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފައެވެ.

ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުނު ވިކްޓަރީއަށް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ.

އަކުރަމް އާއި އުމެއިރުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ވިކްޓަރީއަށް ގެނައުމަށް އެ ކްލަބްގެ މެނޭޖްމަންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.