އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ.
މިކަމާގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި އިއުލާނުގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށެވެ.
އެގޮތުން، މި ވެކްސީން މި އުމުރުފުރާގެ ކުދިންނަށް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ހުޅުވާލެވިފައިވާއިރު، މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތައް އަދި ސިއްހީ މަރުކަޒުތަކުން އެ ވެކްސިން ލިބެން މިހާރު ހުންނާނެ ކަމަށެވެ.
މީގެއިތުރުން، އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
ވީމާ، ފައިޒާ ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭ ސަރަހައްދުގައި ފައިޒާ ވެކްސިން ދެމުން އަންނަނީ އައިޖީއެމްއެޗް އާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށިންނެވެ. އައިޖީއެމްއެޗުން މިހިދުމަތް ލިބޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9 އިން 12 އަށް ކަމަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުދަ ބުރާސްފަތި ދުވަހެއްގެ މެންދުރު 13:00 އިން 14 އާއި ދޭތެރޭ މި ހިދުމަތް ލިބޭނެއެވެ. މީގެއިތުރުން ދަމަނަވެށިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރު 13:30 އިން 15 އާ ހަމައަށް މި ހިދުމަތް ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.