- ރާއްޖެ އަދި ރާއްޖޭގެ ޓޫރިޒަމާއި ކޯބިންގެ ގުޅުން ފެށުނީ މީގެ ބައިގަރުނު ކުރިން
- ދިވެހިންގެ ހިތްހެޔޮކަން އެމެރިކާގައި ވިއްކޭނެކަމަށް ކޯބިން ގަބޫލްކުރޭ
- އަމާޒަކީ އެމެރިކާގެ ފަތުރުވެރިންނަށް ރާއްޖެއަށް ފަސޭހައިން އާދޭވޭނެ މަގެއް ހޯދައިދިނުން
ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ތިންވަނަ ދުނިޔޭގެ ގައުމަކުން، ތަރައްޤީ ވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކޮށްދިން އިޤްތިޞާދީ ސިކުނޑިއެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރުމަށް ޔޫއެންޑީޕީން ހެދި ފީޒިބިލިޓީ ސްޓަޑީއަށްފަހު އެއީ އެވަގުތަށް ވާން ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން އޮތީ ނިންމާފައެވެ. އެއީ އޭރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތެވެ. ޖުމްލަކޮށް މުޅި ރާއްޖޭގެ ހާލަތެވެ. އެކަށޭނަ އުމްރާނީ ވަސީލަތްތަކެއް ނެތީއެވެ.
ކޯބިންގެ އަލަތު ދަތުރު
ހާލަތު ބަދަލުވީ 1971 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރި އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިންގެ ހިތް ރާއްޖެއަށް ދެވުނު ހިސާބުންނެވެ. ކޯބިންއަށް ފެނުނީ ދުނިޔޭގެ އެންމެ ރީތި ޖަޒީރާއެވެ. އެންމެ ހިތްގައިމު ގޮނޑުދޮށްތަކެވެ. އެންމެ ރީތި މޫދެވެ. ކޯބިންއަށް ފެނުނީ ޔޫއެންޑީޕީގެ ރިޕޯޓާއި ދިމާއިދިކޮޅަށް ރާއްޖޭގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކެވެ. ކޯބިންގެ ހިތުގައި އެކަމަށް އުފެދުނު ބޮޑު ޝައުގާއެކު، ޖެހިގެން އައި އަހަރުގެ ފެބްރުއަރީމަހު ރާއްޖެ އެނބުރި އައީ، އިޓަލީގެ ބައެއް ސިޓީތަކުގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ހިމެނޭހެން 22 ފަތުރުވެރިންނާއެކުއެވެ. އެއީ އެހާތަނަށް ރަސްމީ ސިފައެއްގައި ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެވެ. މައިގަނޑު މަޤްޞަދަކީ ކޯބިންގެ އިރުޝާދުގެ ދަށުން ކ. ވިހަމަނާފުށީގައި އޭރު ހަދަމުންދިޔަ ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ރިޒޯޓް، ކުރުނބާ ވިލެޖް (މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސް) ހުޅުވަން ވާއިރަށް ރާއްޖޭގެ ފަތުރުވެރިކަން އިޓަލީވިލާތުގައި އިޝްތިހާރު ކުރުމެވެ. އެދަތުރުގެ ބައިވެރިންގެ މައިގަނޑު ކަމަކީ ދުވާލު އެކި ރަށްރަށަށް ދަތުރުކޮށް މަހަށް ބަޑިޖެހުމާއި، ޑައިވްކުރުން ފަދަ މޫދާގުޅޭ ހަރަކާތްތަކެވެ. ނިދުން އޮންނަނީ މާލޭގައެވެ. ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ މޫދުގައެވެ.
މިދަތުރަށްފަހު އިޓަލީގެ ބޮޑެތި ނޫސްތަކުގައި ރާއްޖޭގެ ފޮޓޯ ޖަހައި، ޚަބަރުތައްް ޖަހަން ފެށުމާއެކު، ފަތުރުވެރިކަމުގެ އައު މަންޒިލެއްގެ ގޮތުގައި އިޓަލީގެ ރައްޔިތުންނަށް ރާއްޖެ މަޝްހޫރުވެގެން ދިޔައެވެ. ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި ކޯބިން ގެނައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަށް ރާއްޖެ ކަމުދިޔައީއެވެ. އިޓަލީގެ ނޫސްތަކަށް ރާއްޖޭގެ ވާހަކަ އެރުމާއެކު އިޓަލީގެ ރައްޔިތުންނަށް ރާއްޖެ ހުޅުވާލެވުނީއެވެ. އެއީ މީގެ ބައިގަރުނު ކުރިއެވެ. ރާއްޖޭގެ ޓޫރިޒަމްގެ އަދި ރާއްޖެ އާއި ކޯބިންގެ ގުޅުމުގެ ފެށުމެވެ.
ފަތުރުވެރިކަމުގެ ރަންޔޫބީލް
އޭގެ ފަންސާސް އަހަރު ފަހެވެ. އިޤްތިޞާދީ ގޮތުން ރާއްޖެ މިއޮތީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްޤީ ވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. މިއަދު ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އެކަނިވެސް ރާއްޖެ އައެވެ.
ގިނަ އަހަރުތަކަކަށްފަހު، ކޯބިން އަނެއްކާވެސް ރާއްޖެ އައީ ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް އަހަރުގެ ހަފްލާތަކުގައި ބައިވެރިވުމަށެވެ. ކޯބިންއާ އަނެއްކާވެސް ބައްދަލުވީ، އޭނާގެ އެންމެ ޒުވާން ދުވަސްވަރުވެސް ރާއްޖެއިން އޭނާއަށް މަރުހަބާކީ ދިވެހީންގެ "ހިތްހެޔޮ" ކަމެވެ. ފަންސާސް އަހަރަށްފަހުވެސް ބަދަލެއް ނުފެނުނު ދިވެހީންގެ ހިތްހެޔޮކަމަކީ، ކޯބިންގެ ގަބޫލުކުރާ ގޮތުގައި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ކުރިން އިޓަލީ، މިފަހަރު އެމެރިކާ
ކޯބިންގެ އެދަތުރުގައި، ރާާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ ގޮތް ދެނެގަތެވެ. ކޯބިންއަށް ފެނުނީ ޓޫރިސްޓް ރިސޯޓްތަކުގެ އިތުރުން، ހޮޓެލް، ގެސްޓްހައުސް އަދި ލިވްއެބޯޑް ފަދަ ފަތުރުވެރިކަމުގެ ހަރަކާތްތައް ފުޅާވެފައިއޮތް ރާއްޖޭގައި އެމެރިކާގެ ފަތުރުވެރިންނަށް ހުރި ފުރުޞަތުތަކެވެ. ކޯބިން މިހާރު ދިރިއުޅެމުންދާ އެމެރިކާގެ މަޔާމީއަށް އެނބުރި ދިޔައީ، އޭގެ ފަންސާސް އަހަރު ކުރީން އިޓަލީގައި ފެށި މަސައްކަތް، އަނެއްކާވެސް އެމެރިކާގައި ފެށުމުގެ ވިސްނުމުގައެވެ. އެމެރިކާ ރައްޔިތުން ފަތުރުވެރިކަމަށް ކުރާ ހޭދައިން ރަނގަޅު އަދަދެއް، ރާއްޖޭގެ އިޤްތިޞާދަށް އަނބުރާލެވިދާނެ ކަމުގެ އުއްމީދާ އެކުއެވެ. އަނެއްކާވެސް ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި އެމެރިކާއަށް ރާއްޖެ ވިއްކިދާނެ ކަމުގެ ޔަގީންކަމާ އެކުއެވެ. ކޯބިން އެޑްވެންޗަރސް ގެ ނަމުގައި ރެޖިސްޓްރީކުރި ޓްރެވެލް އޭޖެންސީ އާއެކު، ކޯބިން މިއަދު ކުރަމުންދަނީ އެމެރިކާގެ ފަތުރުވެރިންނަށް ރާއްޖެއަށް ފަސޭހައިން އާދެވޭނެ މަގަކީ ކޮބައިތޯ ދެނެގަނެ، އެމެރިކާގެ ތިންސަތޭކަ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ރާއްޖޭގެ "ޗުއްޓީ" ވިއްކުމުގެ މަސައްކަތެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މިހާރުގެ ހާލަތު
30 ކޮޓަރީގެ ކުރުނބާވިލެޖާއެކު އެންމެ ރިސޯޓަކުން މީގެ 50 އަހަރު ކުރިން ޓޫރިޒަމް ފެށި ރާއްޖޭގައި މިހާރު 168 ރިސޯޓެއް އޮޕަރޭޓްކުރެއެވެ. މިއީ ރާއްޖެ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ހެއްކެވެ. ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުން ގޮސް މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 1،207 ތަނެއް އޮވެއެވެ. އޭގެ ތެރޭގައި 13 ހޮޓަލާއި، 869 ގެސްޓް ހައުސް އަދި 157 ސަފާރީ ހިމެނެއެވެ. ފަތުރުވެރިކަމަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ކޯބިންއަށް މީގެ ފަންސާސް އަހަރު ކުރިން ފެނުނު ރާއްޖެ، މިއަދު އެތައް މިލިއަން ބަޔަކަށް ކަމުގޮސްފިއެވެ. ބައިނަލްއަގްވާމީ، ފަތުރުވެރިކަމުގެ އެންމެ ބޮޑު އެވޯޑް ހަފްލާގައި ފާއިތުވި ތިން އަހަރުވެސް ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލަކަށް ރާއްޖެ ހޮވިފައިވުމަކީ އޭގެ ހެއްކެކެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް ކޯބިންގެ އައު ތަސައްވުރެއް
ކޯބިންގެ އަމާޒަކީ، މިހާރު ރާއްޖޭގެ ހަވަނައިގައި އޮތް އެމެރިކާ މާކެޓުގެ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރަން ފަސޭހަ ގޮތެއް ހޯދައިދިނުމަށެވެ. ރާއްޖެއާ ގާތްގަނޑަކަށް 15 ހާސް ކިލޯމިޓަރު ދުރުގައި އޮންނަ އެމެރިކާއަކީ 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ބޭނުމަށް އެންމެ ގިނަ ބަޔަކު ގައުމުން ބޭރަށް ދަތުރުކުރި ލިސްޓުގައި ދެވަނައަށް އޮތް ގައުމެވެ. އެމެރިކާގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން ކޯބިންއަށް ފެނުނީ އެމެރިކާގައި ރާއްޖެ ވިއްކުމަކީީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ގޮތުގައެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯބިންދިޔައީ، އޭނާގެ މި ތަސައްވުރު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމުކަން ތަޖުރިބާކުރުމުގައި ވީހާވެސް ލުއިގޮތްތަކެއް ހޯދައިދިނުމުގެ އުންމީދުގައެވެ. ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ އެމެރިކާގެ ރައްޔިތުންނަށް "ޗުއްޓީ" ވިއްކާއިރު ދަތުރުފަތުރުގެ އަގުވެސް ހިމަނައިގެން ޖުމްލަ ޕެކޭޖެއް ވިއްކޭނެ ގޮތެއް ހޯދުމެވެ. ކޯބިންގެ އަމާޒަކީ ރާއްޖެ އައުމަށް ވައިގެ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދައަށް ބަދަލެއް ނާންނާނެ ގޮތެއްް ހޯދުމެވެ. ދެގައުމުގެ ދެމެދުގައި އޮތް ދަތުރުގެ ދިގުކަމާއެކު، ހުރި ގޮންޖެހުންތައް ހައްލުކޮށް، އެކަމަށް ރަނގަޅު ހައްލެއް ހޯދުމަށް ގިނަ އަދަދެއްގެ އެއާލައިންތަކާ ވާހަކަ ދައްކައިފިއެވެ. ރާއްޖެ-އެމެރިކާ-ރާއްޖެ ދަތުރުގެ މައްސަލައަށް މުޅިން ހައްލެއް ލިބިފައިނުވި ނަމަވެސް ކޯބިންއަށް އުއްމީދު ލިބޭ އެއް އެއާލައިނަކާއި ދިމާވެއްޖެއެވެ.
މީގެ ފަންސާސް އަހަރު ކުރިއެކޭ އެއްގޮތަށް ކޯބިންގެ އަޒުމް ވަރުގަދައެވެ. ހުރީ އެކަމަށް ދޫދޭގޮތަކަށް ނޫނެވެ. ކޯބިން ގަބޫލްކުރާ ގޮތުގައި ވަކި ކަމެއް ކުރުމަށް އަޒުމް ކަނޑައަޅައިފިނަމަ، އެކަމެއް ހާސިލް ނުވާންވީ ސަބަބެއްނެތެވެ. މީގެކުރިންވެސް ކޯބިން އެކަން ސާބިތުކޮށްދިނެވެ. ފުރަތަމަ ފަތުރުވެރިންގެ ގްރޫޕާއެކު ކޯބިން 1972 ވަނަ އަހަރު ރާއްޖެ އައިއިރު، ހަގީގަތުގައިވެސް މިތަނުގައި ޓޫރިޒަމަށް އެކަށޭނަ ވަސީލަތްތަކެއް ނެތެވެ. އެހެންނަމަވެސް އެއީ މިހާތަނަށް ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން ދަތުރެވެ.
ކޯބިންއަށް ރާއްޖެ އެންމެ ކަމުދަނީ ގުދުރަތީ ސިފަ ނުގެއްލޭނެހެން ޖަޒީރާވަންތަ ގޮތެއްގައި ދެމިއޮތުމެވެ. ބޭނުންވަނީ ސްވިމިންގޕޫލްގެ ބަދަލުގައި ރާއްޖޭގެ ހިތްގައިމު މޫދެވެ. ބަނދަރުތަކުގެ ބަދަލުގައި ރީތި ގޮނޑުދޮށްތަކެވެ. ތާރުގެ ބަދަލުގައި ފަތުރުވެރިން ހުސްފައިގައި ކުރިންވެސް އުޅުނު ފަދަ މަގުތަކެވެ. ރާއްޖޭގެ ސާދާކެމެވެ. ރާއްޖޭގެ ގުދުރަތީ ސިފަތައް ތަރައްގީއާއެކު ކޮންމެވެސް ވަރަކަށް ގެއްލިގެން ދިޔަނަމަވެސް، އަދިވެސް ދިވެހިންގެ ހިތްހެޔޮކަމާއި މެހެމާންދާރީގެ ފުރިހަމަކަމަށް ބަދަލެއްނައިސް އޮތުމަކީ ކޯބިން ގަބޫލްކުރާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލެވެ. އެހިތްހެޔޮކަން އެމެރިކާގައި ވިކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޯބިންއަށް އެބައޮތެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ކޯބިންގެ މާޒީ
މިސްރުގެ ގާހިރާއަށް އުފަން އިޓަލީގެ ރައްޔިތެއް ކަމަށްވާ ކޯބިން އަކީ 1960 ގެ އަހަރުތަކުން ފެށިގެން އެކި ގައުމުތަކަށް އިޓަލީގެ ފަތުރުވެރިން ފޮނުވުމުގެ މަސައްކަތުގައި އުޅުނު ޓްރެވެލް އޭޖެންޓެކެވެ. ކޯބިން ވަނީ ރާއްޖޭގެ އިތުރުން މިސްރުގެ ރަތްކަނޑާއި، ދެކުނު ސޫދާން، ޑޮމިނިކަން ރިޕަބްލިކް އަދި ޔަމަނު ފަދަ ގައުމުތަކަކަށް ފަތުރުވެރިކަން ތައާރަފް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ޓޫރިޒަމް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ކޯބިން މިހާރު ދިރިއުޅެނީ އެމެރިކާގެ މަޔާމީގައެވެ. ކޯބިންެ ރަށްވެހިކަން އޮންނަ އިޓަލީއަށް އެނބުރި ދިއުން އޮތީ މިމަސައްކަތުގެ ކާމިޔާބީއަށްފަހުއެވެ.