ނޭޕާލުގައި މި އަހަރު ބާއްވާގޮތަށް އޮތް ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވާ ގޮތަށް ބަދަލުކޮށް އެކަން އިއުލާނުކޮށްފިއެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރުމަށް ބިޑުކޮށްފައިވަނީ ނޭޕާލްގެ އިތުރުން ސްރީލަންކާއެވެ. އެހެންނަމަވެސް ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންއަށް ކުރިމަތިވެފައިވާ ފީފާގެ ސަސްޕެންޝަނުގެ ސަބަބުން، މުބާރާތް ބާއްވަން ފުރުސަތު ލިބެން އޮތީ ނޭޕާލަށެވެ.
އެހެންނަމަވެސް ސްޕޮންސަރުންގެ އެދުމުގެ މަތިން އެ ފުރުސަތު މިހާރު ދޭން ނިންމާފައިވަނީ އިންޑިއާ އަށެވެ.
ޖޫން މަހުގެ 20 އިން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބާއްވަން ނިމިފައި އޮތް މުބާރާތް، އިންޑިއާގައި ބާއްވާގޮތަށް ބަދަލުކުރީ، އިއްޔެ ކުރިއަށްދިޔަ ސާފްގެ އެކްސްކޯ ބައްދަލުވުމުގައެވެ. މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް ގަތް ސްޕޯޓްސް ޕާޓްނަރު، އިންޓަނޭޝަނަލުން ވަނީ މުބާރާތް އިންޑިއާގައި ބާއްވަން ބާރު އަޅާފައެވެ. އަދި މިއީ މި ވަގުތު ގައުމުތަކުގެ ހާލަތަށް ބަލާއިރު ސްޕޮންސަރުންނަށް ވެސް އެންމެ ފައިދާ ކުރާނެ ގޮތްކަމަށް ބަލައި މުބާރާތް ބާއްވަން އިންޑިއާއަށް ފުރުސަތުދޭން ސާފުން ނިންމީއެވެ.
ސެންޓްރަލައިޒްކޮށް އިންޑިއާގައި މި މުބާރާތް ކުރިއަށް ގެންދިއުމަށް ސާފްއިން ނިންމާފައިވާއިރު، މުބާރާތް ބާއްވާނީ އިންޑިއާގެ ކޮން ސްޓޭޓެއްގައިކަން އަދި ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އަންނަ މަހުގެ ތެރޭގައި މިކަމަށް ގޮތެއް ނިންމާނެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގައި މިފަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތަށް އިންޑިއާއިން އެގައުމުގެ ސީނިއާ ޓީމު ނުނެރޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ އިންޑިއާގެ ޒުވާން ގައުމީ ޓީމެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މި ގޮތަށް ނިންމީ ގައުމީ ޓީމްގެ ސީނިއާ ކުޅުންތެރިންގެ ލަފާގެ މަތިންނެވެ.
2021 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި އިންޑިއާގައި އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ފަހަރު ވެސް މުބާރާތް ކާމިޔާބު ކުރީ އިންޑިއާއިންނެވެ. އިންޑިއާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސް މެއެވެ. އެ ގައުމުން ޖުމްލަ އަށް ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.
މި ފަހަރުގެ މުބާރާތުގައި، ގިނަ އަހަރުތަކަކަށްފަހު ޕާކިސްތާން ވެސް ބައިވެރިވާނެކަމަށް ބެލެވެއެވެ. އެ ގައުމުގެ އެފްއޭއަށް ކުރިމަތިކޮށްފައިވާ ސަސްޕެންޝަން އުވާލާފައި އޮތުމުން އެ ފުރުސަތު އެބައޮތެވެ. އަދި ސަސްޕެންޝަނުން ސަލާމަތްވެއްޖެ ނަމަ ލަންކާ ވެސް މުބާރާތުން ފެންނާނެއެވެ.