ރާއްޖެ އާއި ޔޫއޭއީގެ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެ، ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަރިހަށް ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28ގެ ރައީސް، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މަސްދަރުގެ ޗެއަރމަން އަދި ޔޫ.އޭ.އީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު، ޔޫ.އޭ.އީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާހުރި ގޮތުގައި ރާއްޖެއާއި ޔޫއޭއީގެ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެ، ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބާއި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި، މައްސަލަތައް ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ޔޫ.އޭ.އީއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަކީ، ވަރަށް ޚާއްޞަ ގުޅުމެއްކަމުގައި ވިދާޅުވިއެވެ.
އަދި ޔޫ.އޭ.އީއަކީ ދެމެހެއްޓެނިވި އަދި އިތުބާރުކުރެވޭ ރަޙުމަތްތެރިއެއްކަމަށާއި، ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮޕް 28 ގެ ރައީސްގެ މަޤާމަށް މިނިސްޓަރ ޑރ ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ޢައްޔަނުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ޤާބިލު ލީޑަރޝިޕާއި އިރުޝާދުގެ ދަށުން މި ކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިއަހަރަކީ ރާއްޖެއިން ޔޫ.އޭ.އީ އާއެކު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރެވެ.