ފީފާގެ ސަސްޕެންޝަނުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަލާމަތްވެ، ސަރަހައްދީ ފުޓުބޯޅައިގައި ނަން ހިނގާ ގައުމަކަށް ވުމަށް ޕާކިސްތާނުން ކުރަމުން އަންނަ މަސައްކަތުގައި، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވެއްޖެއެވެ.
ޕާކިސްތާނުގެ ފުޓުބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މެޗު ކުޅޭނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި، ރާއްޖޭގައެވެ. އަދި އެ މަހުގެ ތެރޭގައި ބޫޓާނާއި ބްރޫނާއާ ދެކޮޅަށް ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޕީޕީއެފްއިން ބުނާގޮތުގައި، މި މެޗުތަކަކީ، ކުރިއަށް ހުރި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކާއި ކޮލިފިކޭޝަން މެޗުތަކަށް އެގައުމުގެ ގައުމީ ޓީމު ތައްޔާރުކުރުމުގެ ގޮތުން ކުޅޭނެ މެޗުތަކެކެވެ.
އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޕީއެފްއެފްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ، އިއްޔެގެ ވަގުތެއްގައި ގައުމީ ޓީމުގެ 36 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް ވެސް އެކުލަވައިލާފައެވެ. އަދި މި ސްކޮޑާއެކު މާދަމާ، ރަސްމީ ޓްރެއިނިންގް ކޭމްޕެއް ފެށުމަށް ވެސް ވަނީ ރާވާފައެވެ.
ޕާކިސްތާނުގެ ވަގުތީ ގައުމީ ސްކޮޑުގައި މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ކުޅުންތެރިންނާއި، ގިނަ ޒުވާން ކުޅުންތެރިންތަކެއް ވެސް ހިމެނޭކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މި މެޗުތަކާ ގުޅޭގޮތުން ދިވެހި ފުޓުބޯޅަ އެސޯސިއޭޝަނުން އަދި މައުލޫމާތު ހިއްސާކޮށްފައި ނުވާއިރު، ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެކުވެރިކަމުގެ މެޗުތަކެއްގައި އެ މަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅެ 0-3 އިން ބަލިވި މެޗާއި، 17 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ކުޅެ 1-3 އިން ބަލިވި މެޗެވެ.
ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ޕާކިސްތާނުން ތައްޔާރުވަމުން އަންނައިރު، އެންމެފަހުން މި ދެ ގައުމުގެ ފިރިހެން ސީނިއަރ ގައުމީ ޓީމުތަކުން މެޗެއް ކުޅެފައިވަނީ، 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެކުވެރިކަމުގެ އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ޕާކިސްތާނުން އެކުވެރިކަމުގެ މެޗުތަކާއި ވާދަވެރި، ރަސްމީ މެޗުތަކަށް ވެސް ތައްޔާރުވާން ފަށާފައިވާއިރު، ރާއްޖޭގެ ގައުމީ ޓީމުން ރަސްމީ ފަރިތަކުރުންތަކެއް ފަށާފައެއް ނުވެއެވެ. ރާއްޖެއަށް ވެސް އަދި ޕާކިސްތާނަށް ވެސް ކުރިއަށް އޮތް އެންމެ ބޮޑު މެޗުތަކަކީ، ޖޫން މަހުގެ ތެރޭގައި އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ މެޗުތަކެވެ.