ތޮއްޑޫ ކަރައަކީ އޭގެ ތައާރަފަކަށް ދިވެހިން ބޭނުންވާނެ މޭވާއެއް ނޫނެވެ. ދިވެހިންނަށް އެންމެ ކަމުދާ އަދި ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު، ތޮއްޑޫ ކަރައަކީ ހާއްސަކޮށް ރޯދަ މަހުގައި ގޭގޭގެ ސުފުރާތައް ފަޅު ފިލުވާލަދޭ ފޮނި މޭވާއެއް މެއެވެ. ފޮތިފޮތިކޮށްގެން ކާލަން ވިޔަސް، ފަނި ގިރާލައިގެން ބޯލަން ވިޔަސް ހަމަ އެއްވަނައެވެ.

އެ މަގުބޫލު ކަމާއެކު "ތޮއްޑޫ ކަރާ" މިވަނީ ބްރޭންޑަކަށް ވެފައެވެ.

ދިވެހިީންގެ ތެރެއިން ގިނަ ބަޔަކު މާރުކޭޓަކަށް ވަނަސް ކަރައެއް ގަންނަން ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ އަހާލާނީ އެއީ ތޮއްޑުއަށް "އުފަން" ކަރައެއްތޯއެވެ. ވާނީ ވެސް އެހެންތާއެވެ. ތޮއްޑޫ ކަރައެއް ނަމަ އޭގެ ރަހައާ މެދު ޝައްކު އުފެދުމުގެ ޖާގަ ވަރަށް ކުޑައެވެ. އެއަށް ވުރެ އެ ކަރައަށް އޮތް އިތުބާރު ބޮޑެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން، އަހަރެން ތޮއްޑޫއަށް ކުރި ދަތުރެއްގައި، "ތޮއްޑޫ ކަރާ"ގެ ފަހަތުގައިވާ މޭސްތިރީން ކަމަށްވާ ތޮއްޑޫގެ ދަނޑުވެރީން އެ ކަރާ ހެއްދުމަށް ކުރަމުންދާ މަސައްކަތް ގާތުން ބަލާލުމަށް ތޮއްޑޫގެ ދަނޑުތަކަށް ދިޔައީމެވެ. ގާތުން މަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން ބުނެލާނަމެވެ. ރޯދައަށް ކަރާ ފައްކާކުރުމުގައި ތޮއްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ރެއާއި ދުވާލު މަސައްކަތްކުރެއެވެ. މާލުން އެތައްކެއް، ވަގުތު އެތަކެއް އެމީހުން ހޭދަކުރިއެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ތޮއްޑޫގެ ދަނޑުވެރީން ކަރާގެ އިތުރުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެ މީހުންގެ ދަނޑުބިންތަކުގައި ހައްދައެވެ. ތޮއްޑޫގައި މިވަގުތު ހުރި "ވީމީޑިއާ"ގެ ޕްރޮޑިއުސަރަކު މައުލޫމާތު ދިން ގޮތުގައި، މި އަހަރުގެ ރޯދަ މަހާ ދިމާކޮށްވެސް މި މަސައްކަތް ބާރު ދުވެލީގައި ނިކަން ޖޯޝާއި ފޯރީގައި އެބަ ކުރެއެވެ. މިކަމުގައި ދަނޑުވެރީންނާއި ކުދިބޮޑު އެންމެން ހިމެނޭހެން އެ މީހުންގެ މުޅި އާއިލާ ޝާމިލުވެއެވެ. "ވީނިއުސް" އަށް ލިބިފައި ހުރި ފޮޓޯ އަދި ވީޑިއޯތަކުން، އެކަން ކަށަވަރުކޮށްދެއެވެ.

އއ. ތޮއްޑޫ ދަނޑުވެރިކަން ކުރާ ސަރަހައްދުން --- ފޮޓޯ: ވީނިއުސް

މިހާރު ވެސް ތޮއްޑޫގެ ދަނޑުބިންތަކުގައި ވަނީ ގިނަ އަދަދެއްގެ ގަހާއި ވެޔޮ ރުވައި ފޯދުން ފަށާފައެވެ. ދަނޑުވެރީން ބުނާ ގޮތުގައި، މޭވާ ނުވަތަ ތަރުކާރީ ކެނޑޭވަރު ވާނީ އަދި ވިއްސަކަށް ދުވަސް ފަހުންނެވެ.

ތޮއްޑުގެ ދަނޑުވެރީން އުފައްދަމުންދާ ބާވަތްތަކުގެ ތެރޭގައި ދެ ވައްތަރެއްގެ ކަރާގެ އިތުރުން، ކިއުކަމްބާ، މިރުސް، ފަޅޯ، ބޮޑު ކެކުރި، މެލަން، ބަށި އަދި ތަފާތު ވައްތަރުގެ ފަތްޕިލާވެލީގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. ދަނޑުބިންތައް ނޫނަސް އެ ރަށުގެ ގިނަ ގޭގޭން ވެސް ފެންނަނީ ދަނޑުވެރިކަމުގެ ރޫހެވެ. ގޭގޭގައި ވެސް ފަތްޕިލާވެލީގެ ބާވަތްތައް ކަމަށްވާ، ބިލެތް، ކޮޕީފަތް ފަދަ ބާވަތައް ހައްދާފައިވާ މަންޒަރު ފެންނަން އެބަ ހުއްޓެވެ.

އަހަރެން ކުރި ތަޖުރިބާ ދަތުރުން ފެނުނު މަންޒަރުތަކުން ހިތަށް ވެރިވީ ދިވެހީންގެ މުރާލި ކަމާއި ހީވާގި މަސައްކަތްތެެރި ކަމެވެ. މަދުން ނަމަވެސް ބިދޭސީ މަސައްކަތްތެރީން މި ދަނޑުތަކުން ފެނުނު ނަމަވެސް، ޖުމުލަ ގޮތެއްގައި ތޮއްޑޫގެ ދަނޑުތަކުން ފެންނަނީ ދިވެހި އާއިލާތަކުގެ ހީވާގި މީހުންނެވެ. ކުރަމުން ދަނީ ބުރަ އަދި ކަވި މަސައްކަތެކެވެ. އެތައް ދަލެއް އޮހޮރުވައި ކުރާ މި ބުރަ މަސައްކަތަކީ އަހަރެމެންނާ ހަމައަށް ފޮނި މޭވާ ފޯރުކޮށްދިނުމަށް އަދި ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ބަޔަކު މީހުން ވަމުންދާ ގަދަ ގުރުބާނީއެކެވެ.

ތޮއްޑޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ދަނޑުވެރިޔަކު "ވީނިއުސް"އަށް ބުނީ، ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުނަސް ބޭރުން އެތެރެކުރާ އުފެއްދުންތަކުގެ ނުފޫޒުން ދިވެހި އުފެއްދުންތަކަށް އޮންނަ ޑިމާންޑް ކުޑަކުރާ ކަމަށެވެ. އެކަން ހައްލުކުރަން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުނީ، ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ނެރޭ ނަތީޖާ ކަމަށެވެ.

ނަމަވެސް މިކަމާ މެދު ވިސްނައި އެދަނޑުވެރީންގެ އަގު ވަޒަންކުރަނީ އަހަރެމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ؟ މިހެން މިބުނީ، މަދުން ނަމަވެސް މާރުކޭޓު ތެރެއިން ފެންނަމުންދާ ހިތާމަވެރި މަންޒަރުތަކާއި އިވޭ އަޑުތަކުންނެވެ. ކިރިޔާ ވެސް މިއިން ބާވަތެއްގެ އަގު އިތުރުވެއްޖެ ނަމަ ކުރަނީ ޝަކުވާއެވެ. އަގު ހެޔޮކޮށް ލިބެން ހުރީތީ ދިވެހި އުފެއްދުންތައް ހުއްޓައި ގަންނަނީ ބޭރުން އެތެރެކޮށް ވިއްކާ ތަކެއްޗެވެ.

މިކަން ބަދަލުކުރަން ވެއްޖެއެވެ. ދިވެހީން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ މަސައްކަތްތެރީންނަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް ބޭރުން އެތެރެކުރާ އެއްޗެއްސަށް ނޫނެކޭ ބުނުން އުފަލަކަށް ހަދަން ވެއްޖެއެވެ.