ރާއްޖޭގެ އެއް ނަމްބަރު ރެކޯޑް ލޭބަލްކަމަށް ގިނަބަޔަކު އިއްތިފާގުވާ "ސިމްބޮލިކް ރެކޯޑްސް"ގެ 10ވަނަ އަލްބަމް "ލޯބިވާ" ރިލީޒްކޮށްފިއެވެ.

"ދަ ވަން"ގައި އަންގާރަ ދުވަހުގެރޭ ބޭއްވި ހަފުލާއެއްގައި ލޯންޗުކުރި މިއަލްބަމްގައި ޖުމްލަ 14 ލަވަ ހިމެނޭއިރު، ލަވަތަކުގެ މައިގަނޑު އަޑުގެ ވެރިޔަކީ، ހދ. ނޭކުރެންދޫއަށް އުފަން، މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ)އެވެ. "ރަތާކަޅުގެ ލަޝްކަރުން" ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޓޯއީގެ އިތުރުން، ލަވަތަކުގައި ނަން ކިޔާލެވޭ އެހެން ފަންނުވެރިންތަކެއްވެސް ވަނީ ފީޗަރކޮށްފައެވެ.

މި އަލްބަމްގައި ހުރި ހުށަހެޅުންތަކަށް ބަލާއިރު، ލޯބިވާ، ޝާހީ، އިހުސާސްތައް، ޕަރީ، ނޭވައޭ، ހިތުތެރޭގައި، ކުރަން ހުވާ، ހާ އުފާ، ޔާރޭ ކުރެހޭ، ފުރާނަ، ރާނީ، ކަލާ ފެނިފައި، އަދި އުލްފަތުގެ އިތުރުން ހަނގުރާމަ ހިމެނެއެވެ. މުޅި އަލްބަމުން މައިގަނޑު ގޮތެއްގައި ކިޔައިދެނީ ލޯބިވެވުމުން ކުރެވޭ އިހުސާސްތަކާއި އެލޯބި ހާސިލުކުރަން ކުރާ މަސައްކަތާއި ލޯބި ހާސިލުވުމުން ކުރެވޭ އިހުސާސްތަކެކެވެ.

މިއަލްބަމާ ގުޅޭ ގޮތުން "ވީނިއުސް"އާ ވާހަކަދައްކަމުން ޓޯއީ ބުނީ، މިއީ ލޯބި ހޯދަން ކުރާ ހަނގުރާމައެއްގެ ވާހަކަ ކަމަށެވެ. ޓޯއީ ބުނެފައިވާ ގޮތުގައި ފެބްރުއަރީ 14 ވަނަ ދުވަހު ނެރުނު މިއަލްބަމްގައި 14 ލަވަ ހިމެނޭނެއެވެ. މި ލަވަތަކަކީ ލޯބީގެ ޕޮޒިޓިވް ލަވަތަކެއް ކަމަށް ޓޯއީ ބުނެއެވެ.

"ސިމްބޮލިކް ރެކޯޑްސް"ގެ ކްރިއޭޓިވް ޑިރެކްޓަރ މުސްތޮފާ މުހައްމަދު (ކުލަފިހި މުސްތޮ)، "ވީނިއުސް" އަށް މައުލޫމާތު ދިން ގޮތުގައި، މިއީ ފައްރާސް އަހުމަދު މުފީދު (ސަންޗު) "ސިމްބޮލިކް ރެކޯޑްސް"އަށް ޕްރޮޑިއުސްކޮށްދިން ފުރަތަމަ އަލްބަމެވެ. އަދި މިއީ ޓޯއީގެ ދެވަނަ އަލްބަމެވެ.

"ސިމްބޮލިކް ރެކޯޑްސް"ގެ މިއަލްބަމް ސައުންޑްކްލައުޑާއި ބައިސްކޯފު އަދި ޔޫޓިއުބަށް ވަނީ ދޫކޮށްލާފައެވެ. އަލްބަމް ނެރުނުތާ 24 ގަޑިއިރު ތެރޭގައި ސައުންޑްކްލައުޑުން 50،000 އަށްވުރެ ގިނަ މީހުން ވަނީ މިލަވަތައް އަޑުއަހާފައެވެ.

އެ ރެކޯޑްސްއަށް މިހާރު 10 އަހަރު ފުރިފައިވާއިރު، ކޮންމެ އަހަރަކަށް މިވަނީ އަލްބަމެއް ނެރެފައެވެ. "ސިމްބޮލިކް ރެކޯޑްސް"އިން ބުނާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބައެއް މަސައްކަތްތައް ޕްލޭންކުރި ގޮތަށް ކުރިއަށް ނުދިޔައެވެ. ނަމަވެސް މިއަހަރަކީ އެ ރެކޯޑްސްގެ 10 ވަނަ އަހަރު ކަމަށްވާތީ ހާއްސަ ގިނަ ކަންތައްތަކެއް މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށް "ސިމްބޮލިކް ރެކޯޑްސް"އިން ބުނެއެވެ.

"ސިމްބޮލިކް ރެކޯޑްސް"ގެ މާޒީގައި ޓޯއީ ފަދަ ހުނަރުވެރި އެތައް އާޓީސްޓުންނެއް ވަނީ ތައާރަފުކޮށްދީފައެވެ.