ރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް، 4 ނޭޝަންސް ކަޕުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ބޭނުންކުރާނެ ޖާޒީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފް ވެދުމަށް އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޖާޒީ ވެދުމަށްއަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެެއްގައެވެ.
4 ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭއެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައެވެ.
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. އަދި އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރު ކުރިއެރުވުމަކީވެސް މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.
މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ. 4 ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.