އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އާސެނަލްއިން އެސްޓަންވިލާގެ މައްޗަށް ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައަށް އަލުން ކުރިއަށް ޖެހިލިއިރު، އެއް މެޗު އިތުރަށް ކުޅެ، ވަގުތީގޮތުން އެއްވަނައިގައި އޮތުމަށް ލިބުނު ފުރުސަތު މެންޗަސްޓާ ސިޓީން ނަގާލައިފިއެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.

އެސްޓަންވިލާގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު، ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަސް ކާމިޔާބު ކޮށްދިނީ އޮލީ ވޮޓްކިންސްއެވެ.

އާސެނަލްއިން ވަނީ އޭގެ 10 މިނެޓުފަހުން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބުކާޔޯ ސަކާއެވެ.

އެސްޓަންވިލާގެ ދެވަނަ ލަނޑު އަދި އެ ޓީމަށް މެޗުގައި ދެވަނަ ފަހަރަށް ލީޑުނަގައިދިން ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކުޓީނިއޯއެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްގެ މައްޗަށް މޮޅެއް ހޯދުމުގެ އަޒުމުގައި ކުޅެމުންދިޔަ އެސްޓަންވިލާއަށް ނުތަނަވަސްކަން ގެނައީ، ދެވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނެޓުގައި ޒިންޗެންކޯގެ ލަނޑުން އާސެނަލްއިން މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރުމުންނެވެ.

އާސެނަލްއާއި އޭސްޓަންވިލާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ހަމަހަމަ ނަތީޖާއެއްގައި މެޗު ނިމެންދަނިކޮށް، އާސެނަލްއިން އެ ޓީމުން މެޗުގައި ބާކީ ދެ ލަނޑު ޖެހީ، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. އެގޮތުން އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އެސްޓަންވިލާގެ ކީޕަރު، މާޓިނޭޒްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އޭގެ ފަސް މިނެޓުފަހުން މާޓިނެލީ ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްދީ، ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މެޗުން ހޯދި މޮޅާއެކު އާސެނަލްއަށް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނުއިރު، އެއް މެޗު އިތުރަށް ކުޅެ ވަގުތީގޮތުން އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗަސްޓާ ސިޓީން ނަގާލީ، ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށްކުޅެ އެއްވަރުވެގެންނެވެ.

ސިޓީއާއި ނޮޓިންގްހަމް ފޮރެސްޓް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ނޮޓިންގްހަމް ފޮރެސްޓުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ތަރިންގެ ޓީމަކާއެކު ކުޅެމުންދިޔަ ސިޓީއަށް މި މެޗުގައި އެންމެ މޮޅު ކުޅުން ނުދެއްކުނުއިރު، އެ ޓީމުން މެޗުގައި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބާނާޑޯ ސިލްވާއެވެ.

ތިން ޕޮއިންޓާއެކު މެޗު ނިންމާލަން ދިޔަ ސިޓީ މާޔޫސްކޮށްލީ، މެޗުގެ 84 ވަނަ މިނެޓުގައި ވުޑްސް، ނޮޓިންގްހަމް ފޮރެސްޓަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުތަކަށްފަހު ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 23 މެޗުން 54 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި މެންޗަސްޓާ ސިޓީ އޮތީ، 24 މެޗުން 52 ޕޮއިންޓާއެކުއެވެ. ޕްރިމިއާ ލީގުގައި މި ދެ ޓީމުން ވަނީ މި މަހުގެ 16 ވަނަ ދުވަހު މެޗެއް ކުޅެފައެވެ. މި މެޗުގައި އާސެނަލްގެ މައްޗަށް ސިޓީން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ވެސް މި ދެ ޓީމުން މެޗެއް ކުޅޭއިރު، މިހާރު އޮތްގޮތުން އެ މެޗު ވެގެންދާނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޓައިޓަލްއަށް ބޮޑު ނުފޫޒެއް ފޯރުވާނެ މެޗަކަށެވެ.