ތުރުކީ، ސޫރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 46،000 އިން މައްޗަށް އަރައިފިއެވެ.
ބިންހެލުމުގައި ތުރުކީން 40,642 މީހުން މަރުވެފައިވާއިރު، ސޫރިޔާއިން 5،800 މީހުން މަރުވެ، މަރުވިކަން މިހާތަނަށް ކަށަވަރުވި ޖުމްލަ އަދަދުވަނީ 46,442 އަށް އަރާފައެވެ. ބިންހެލުމުގައި ބިމާހަމަވި އަދި މަރާމާތުކޮށްގެން ނޫނީ ނޫޅެވޭ ވަރަށް ހަލާކުވި އިމާރާތްތަކުގެ ޖުމުލަ ވަނީ 84,000 އަށް އަރާފައެވެ.
ތުރުކީ އަދި ސޫރިޔާގައިވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައްހާސް ބަޔަކު ތާށިވެ ނުވަތަ މަރުވެފައި އެބަތިބިކަމަށް ބެލެވޭއިރު، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އަދިވެސް އެތައް ތަނުން މަތިވާނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ. ބިންހެލުން އައިތާ 200 އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔަފަހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އަދިވެސް ގެންދަނީ ދިރިތިބި މީހުން ސަލާމަތް ކުރަމުންނެވެ.
އެހެންނަމަވެސް، މަސައްކަތް ދާ ސްޕީޑާއި، ގިނަދުވަސް ވަމުންދާތީ، ދިރިތިއްބާ މީހުން ސަލާމަތް ކުރެވުމުގެ އުންމީދު ފަނޑުވަމުންދާކަމަށް، ރެސްކިއު ޓީމުތަކުން ބުނެއެވެ. އެހެންކަމުން ކުރިން ކުރިއަށް ގެންދިޔަ "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަނުގެ ބަދަލުގައި މިހާރު ކުރިއަށް ގެންދަނީ "ސާޗް އެންޑް ރިކަވަރީ" އޮޕަރޭޝަން ތަކެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެފައިވަނީ، ތުރުކީގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް 8،000 އަށްވުރެ ގިނަމީހުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ތުރުކީ އަދި ސޫރިޔާގެ 26 މިލިއަނަށްވުރެ ގިނަ މީހުންނަށް ބިންހެލުމުގެ އަސަރުކޮށް ހާލުގައި ޖެހިފައިވާއިރު، މިހާރު ފޯކަސް އެނބުރެމުންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި، ވަގުތީ ބޯހިޔާވަހިކަމާއި، އިންސާނީ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ.
ޔުނިސެފުން ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން ތުރުކީ އަދި ސޫރިޔާގެ ހަތްމިލިއަން ކުޑަކުދިންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އެތައްހާސް ކުދިން މަރުވެފައިވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ޔުނިސެފުގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ، ބާރުގަދަ ދެ ބިންހެލުމުގައި ތުރުކީން ގެއްލުން ލިބުނު 10 ޕްރޮވިންސްގައި 4.6 މިލިއަން ކުޑަކުދިން ދިރިއުޅެމުންދިޔަ ކަމަށެވެ. ސޫރިޔާއިން ގެއްލުން ލިބުނު ސަރަހައްދުތަކުގައި 2.5 މިލިއަން ކުޑަކުދިން އުޅެމުންދިޔަ ކަމަށެވެ.
ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގެ ޓީމަކުން ވެސް ވަނީ އެގައުމަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މި ޓީމުގައި ކާބޯތަކެތި ބަހާނެ ދަރުމަވެރިންނާއި ޑޮކްޓަރަކުވެސް ހިމެނެއެވެ.