އަންނަ ސެޕްޓެމްބަރުމަހު ރާއްޖޭގެ ސިޔާސީ މައިދާނަށް އިންގިލާބީ ބަދަލެއް ގެންނާނެކަމީ ކަށަވަރުކަމެކެވެ. އޭގެކުރިންވެސް ސިޔާސީ މައިދާނުން އެތައް ކުޅިއަކާއި ހަނގުރާމައެއް މި ދަނީ ރައްޔިތުންނަށް ފެންނަމުންނެވެ. ރާއްޖޭގެ ސިޔާސީ މާހަލުގައި ސިޔާސީ ލީޑަރުން އަމަލުކުރައްވަފާނެ ގޮތުގެ ބަހުސް ސިޔާސީ މައިދާނުގައި މިދަނީ ގަދަވަމުންނެވެ. ނުސީދާކޮށްވެސް ބުނަން މިއުޅެނީ އިންތިހާބު ކާމިޔާބުކުރާ "ބިޔަ ކޯލިޝަން" ފޯމިއުލާގެ ވާހަކައެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީއެއް އެންމެ ފުރަތަމަ އުފަންކުރީ 9 އޮކްޓޫބަރު 1951 ގައެވެ. "ރައްޔިތުންގެ މުތަގައްދިމު ޕާޓީ"ގެ ނަމުގައި އުފަންކުރި މި ޕާޓީގެ ރައީސަކީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭގެފަހުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ލޯހުޅުވާލިއެވެ. މި ޕާޓީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަކުން އައި ޕާޓީއެކެވެ.
އެއަށްފަހު މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކިތަންމެ ސިޔާސީ ޕާޓީއެއް އެބަތިއްބެވެ. ސިޔާސީ މައިދާނުގައި ފިރުކޭ ޕާޓީތަކާއި ހަރުކޮށް ދުވާ ޕާޓިތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އެ ޕާޓީތަކުގެ ފަހަތުގައި ރައްޔިތުންތަކެއްވެސް އެބަތިއްބެވެ. އެހެންނަމަވެސް މި ޕާޓީތަކުގެ މެންބަރުންގެ އަދަދު ކިތަންމެ ގިނަވިޔަސް ވޯޓުލާ އާބާދީގެ 50 އިންސައްތައަށްވުރެ މަތި ހޯދައިގެން ފުރަތަމަ ބުރުން ވެރިކަމަށް އާދެވޭ ޕާޓީއެއް، އައު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން އަދި ފެނިފައެއް ނުވެއެވެ.
ސިޔާސީ ޕާޓީތައް ވުޖޫދަށް ގެންނަނީ އެބައެއްގެ ފިކުރާއި ހިޔާލު ދަމަހައްޓައި ވެރިަކަމެއް ގާއިމްކުރާށެވެ. ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ތައާރަފްވެގެންއައިއިރުވެސް ކަންހިނގާފައިވަނީ މި އުސޫލުންނެވެ.
އެގޮތުން ބަލާއިރު 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހު ގިނަ ޕާޓީތަކެއް ބައިވެރިވި އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީތަކުން އަމަލުކުރީ މިދެންނެވި އުސޫލުގެ މައްޗަށެވެ. އެކަނި ވެރިކަން ހިންގުމުގެ ބާރާއި ހަވާލުވުމަށް މުޅިން އަމިއްލަ ކެންޑިޑޭޓެއް ނެރެގެން ކުރި މަސައްކަތް ހުއްޓުނީ ހަތަރު އަނގޮޅިއަށެވެ.
ނަތީޖާއަކީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހުރީ ޕާޓީއާއި އަދާލަތް ޕާޓީގެ އިތުރުން އެމްޑީޕީން ބަދަލަކަށް ކަމަށް ބުނެ އެކަތިގަނޑަކަށްވީ މަންޒަރު ފެނިގެންދިއުމެވެ. ރައީސް ނަޝީދުގެ ވެރިކަން ފެށުނީ މި ކޯލިޝަނުގެ އެހީތެރިކަމާއިއެކުގައެވެ. ކޯލިޝަނަކުން ވެރިކަމަށް އަޔަަށް އެމްޑީޕީގެ ފިކުރަކީ ރައްޔިތު މީހާގެ މިނިވަންކަން ކަށަވަރުކޮށްދިނުމެވެ. ގައުމިއްޔަތު ދިރުވުމަކީ އެމްޑީޕީން އިސްކަންދޭ ފިކުރެއް ނޫނެވެ.
2013 ވަނަ އަހަރުވެސް ކަން ހިނގީ މިމަގުންނެވެ. އެމްޑީޕީ ގިނިކަންޏާއި ކުރިމަތިލީއިރު ޕީޕީއެމް ގެ ފަރާތުން އިންތިހާބާއި ކުރިމަތިލީ ޖުމްހޫރީ ޕާޓީއާއި އަދާލަތް ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ. އެމްޑީޕީއާއި ހިލާފަށް ޕީޕީއެމަކީ ގައުމިއްޔަތެއްގެ މުހިންމުކަން ގަބޫލުކުރާ ޕާޓީއެއް ތިބި ބަޔަކު ހަރަކާތްތެރިވާ ޕާޓީއެކެވެ.
މާޒީގެ "ބިޔަ ކޯލިޝަން" އަނެއްކާވެސް މިފަހުން ފެނުނީ 2018 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިފަހަރު އިސްވެދިޔަ ޕާޓީގެ ފިކުރު ހިމާޔަތްކުރުމުން ދުރުވިއެވެ. އެއީ ގާނުނީ މައްސަލަތަކެއްގެ ތެރެއަށް އެމްޑީޕީ ގެނބި ޕާޓީގެ ފިކުރު އޮޔާދާން ފެށުމުން ހުރިހާ ލީޑަރުން އެއްގަލަކަށް އެރުމުންނެވެ. އަދި އެ ގަލުގެ މަތީގައި ތިބެ އިއްތިހާދެއް އުފަންކޮށް ހުރިހާ ފިކުރަކަށް އިސްކަންދިނުމުންނެވެ. އެމްޑީޕީއާއި ޕީޕީއެމްގެ ފިކުރު ކުރިން ބަޔާންކޮށްދީފައިވާއިރު ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގެ ފިކުރަށްވެސް ބަލާލަންޖެހެއެވެ.
ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުން ގާބޫލުކުރަމުން އަންނަ ހަމަތަކާއި އުސޫލުތަކަށް މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ޕާޓިއެކެވެ. ނަތީޖާއަކީ ސިޔާސީ މައިދާނުގައި ޕާޓީއަކީ ހަރަކާތްތެރި ބަސްވިކޭ މަސައްކަތްކުރަން ފަސޭހަ ޕާޓީއަކަށްވުމެވެ.
މިބަލާލެވުނީ ރާއްޖޭގައި " ބިޔަ ކޯލިޝަން" ފޯމިއުލާ ބޭނުންކޮށްގެން ޕާޓީތަކުން ވެރިކަމަށް އައިގޮތުގެ ހުލާސާއަކަށެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަށް ބޯމަތިވެފައިވާއިރު އެމްޑީޕީންވަނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީގެ ޓިކެޓް ހަވާލުކޮށް ކޯލިޝަނަކަށް މިސްރާބު ހިފާފައެވެ. ސިޔާސީ މައިދާނުން ކޯލިޝަނަކާއި އެކުގައި ކުރިއަށްދިއުމުގެ ހިޔާލު އަދި މިހާތަނަށް ފާޅުކުރީވެސް އެމްޑީޕީން އެކަންޏެވެ.
ސަރުކާރު ހިއްސާވާ ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕަޓީއާއި އަދާލަތު އަދި އެމްއާރްއެމްވެސް ކޯލިޝަނުގެ ވިސްނުމާއިމެދު އަދި އޮތީ ހިމޭނުންނެވެ. މިއާއިއެކު ސިޔާސީ މަސްރަހުން މިހާރު ދައްކަނީވެސް ތަފާތު ކުލަތަކެވެ. އެމްޑީޕީގެ ރައީސާއި ޕާޓިގެ ލީޑަރުގެ ކޯޅުން ބޮޑުވެ ޕާޓީއޮތީ ނޭވާހޮޅިއަށްއެޅިފައެވެ. އަނެއްކޮޅުން އިދިކޮޅު ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާ ރިޝްވަތުގެ ދައުވާގައި އެމަނިކުފާނު ހުންނެވީ ހުކުމް ތަންފީޒުކުރަން ޖަލުގައެވެ. ރާއްޖޭގެ ތިންވަނައަށް އެންމެބޮޑު ސިޔާސީ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީ އަދި މިހާތަނަށް މަޑުންއޮތްއިރު މި މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއިން އެޕާޓީގެ ވިސްނުން ހާމަވާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރޭގޮތުގެ މައްޗަށް ރައްޔިތުންގެ ކަޅި މިވަނީ އަމާޒުވެފައެވެ. ޕާޓީތަކުން އަމަލުކޮށްފާނެ ގޮތަކާއިމެދު ދެން ހުންނަ ޕާޓީންވެސް ހުންނަންޖެހެނީ ސިހިސިހިއެވެ. އެއްޕާޓީ އަނެއް ޕާޓީއަށް ފާރަވެރިވަމުންދާ މި ދަނޑިވަޅުގައި އުފެދޭ ސުވާލަކީ މިފަހަރުވެސް މާޒީ ތަކުރާރުވެ ސިޔާސީ މައިދާނުގެ ސިޔާސަތުގެ ތެރެއިން އުއްމީދު ބޮޑު ކޯލިޝަނަކުން ދިވެހި ރައްޔިތުން އަނެއްކާވެސް ސިއްސުވާލެވިދާނެބާވައެވެ.