އިންޑިއާގެ ބޮލީވުޑްގެ ފިލްމުތައް އަސްލަކަށް ބަލައިގެން ނުވަތަ މުޅި ފިލްމުގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ބޭނުންކޮށްގެން ދިވެހި ފިލްމުތައް އުފައްދާތީ އަބަދުވެސް ދިވެހި ފިލްމް އިންޑަސްޓްރީއަށް ފާޑުކިޔުންތައް އަމާޒުވެއެވެ.

އެގޮތުން 1998 ވަނަ އަހަރު ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކޮށް، ކަރަން ޖޯހަރު ޑައިރެކްޓުކުރި "ކުޗް ކުޗް ހޯތާހޭ"ގެ ކޮޕީއެއްގެ ގޮތުގައި ނެރުނު ދިވެހި ފިލްމު "ހިތް ހަލާކު" އަދި 2000 ވަނަ އަހަރު ދަރްމޭޝް ދަރްޝަން ޑައިރެކްޓުކުރި "ދަޅުކަން"ގެ ކޮޕީއެއްގެ ގޮތުގައި ނެރުނު "ހިތް އެދެނީ"އާ ގުޅޭގޮތުން، އަދިވެސް ގިނަ ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ.

މި ދިވެހި ފިލްމުތަކުގައި، ޑައިލޮގުތަކުގައި ވެސް ހިންދީ ފިލްމުތަކުގެ ޑައިލޮގްތަކާ އެއްވެސް ތަފާތެއް ނެތްކަމަށް ބުނެ އަދިވެސް ދިވެހިން އެކަމަށް "ޖޯކު ޖަހައި" ހަދައެވެ.

21 ވަނަ ގަރުނުގެ ތަރައްގީއާއި ތަހުޒީބުގެ ތެރެއިން މިހާރު ދިވެހިންނަށް ވެސް ކަމުދަނީ ދިވެހި އަމިއްލަ އުފެއްދުންތައްކަމުން، އަމިއްލަ ފިލްމުތަކާއި އަމިއްލަ ރާގުތަކުގެ އަމިއްލަ ލަވަތައް މިހާރު ތިޔާގިއެވެ. ތެދަށް ބުނާނަމަ، "ކޮޕީ" ފިލްމެއް ހަދައިފިނަމަ ދިވެހިންގެ ފާޑުކިޔުންތަކުން އެ ފިލްމެއްގެ ޕްރޮޑިއުސަރާއި ޑިރެކްޓަރަކަށް ސަލާމަތެއް ނުވެވޭނެއެވެ.

މި އާޓިކަލް ލިޔަން މިޖެހުނީ، މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ހިންދީ ފިލްމެއްގައި، ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމަކާ އެއްގޮތް ސިފަތަކެއް ހުރެ، އެކަމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާތީއެވެ.

މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ޑައިރެކްޓްކޮށް 1996 ވަނަ އަހަރު ނެރުނު "ނިބޫ" ފިލްމަކީ ދިވެހިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އެކަން ހާމަވާ އެއްކަމަކީ، މި ފިލްމް ނެރުނުތާ 25 އަކަށް އަހަރުވެފައިވާއިރު، މި ޖީލުގެ ޅަ ކުދިންނަށް ވެސް މި ފިލްމު އެނގޭކަމެވެ. މި ފިލްމުގެ މަންޒަރުތައް ބޭނުންކޮށްގެން މީސްމީޑިއާގެ މަންސަތަކުގައި "މީމްސް" ހެދުން އެއީ މި ފިލްމު ދިވެހިންނަށް ނުހަނު ކަމުދިޔަކަމުގެ ހެއްކެކެވެ.

ޔޫސޭ އަކީ މޮޅު ފަންނުވެރިއެކެވެ. ދިވެހިންނަށް ޔޫސޭ ނޫން ކޮމީޑިއަނަކު ކަމަކުނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ސީރީޒް، ދިރިއުޅުމަކީ މިއީބާ އަކީ ދިވެހިން މިއަދުވެސް އެންމެ ބަލާހިތްވާ ކޮމެޑީ ސީރީޒްއެވެ.

ދިރިއުޅުމަކީ މިއީބާގެ އެޕިސޯޑެއްގައި، ފުޓުބޯޅަ މެޗެއްގެ ރެފްރީއަކަށް ހުރެފައި، ކައިރި ގެއަކަށް ގޮސް ޓީވީން މެޗުގެ ރިޕްލޭ ބެލުމަށްފަހު ޔޫސޭ އެނބުރި ދަނޑަށް އައިސް މެޗަށް އިންސާފުކުރާ މަންޒަރު ފެންނައިރު، ފުޓުބޯޅައިގައި މިހާރު ބޭނުންކުރާ "ވީއޭއާރް" އަކީ ޔޫސޭގެ މި އެޕިސޯޑު ބަލައިގެން ތައާރަފްކުރި އެއްޗެއްކަމަށް ބުނާ މީހުން ވެސް މަދެއް ނުވާނެއެވެ.

ދައްކަން މިއުޅެނީ ދިރިއުޅުމަކީ މިއީބާގެ ވާހަކައެއް ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ނެރުނު "ނިބޫ" އާއި، މިދިޔަ އަހަރުގެ ފަހުކޮޅު ނެރެ، މިފަހުން "ނެޓްފްލިކްސް"ގައި އާންމުކުރި ފިލްމް، ސަރކަސްއާ އެއްގޮތް ކަންތައްތަކެއް ހުރިކަމުގެ ވާހަކައެވެ.

ސަރކަސްއަކީ މަޝްހޫރު ޑައިރެކްޓަރު، ރޯހިތު ޝެޓީގެ ފިލްމެކެވެ. މިއީ ކޮމެޑީ ފްރެންޗައިސް، "ގޯލްމާލް"ގެ ފަސްވަނަ ބައެވެ.

ދެ ފިލްމުގައި ހުރި އެއްގޮތް ކަންތައްތައް:

ދެ ފިލްމުގެ ވެސް މައިގަނޑު ވާހަކައަކީ އެކައްޗެކެވެ. ފިލްމުގައި އުޅެނީ، "ޓުވިންސް" ނުވަތަ ދިވެހިން ބުނާނަމަ އެއް މާބަނޑު ދެބެއިންގެ ދެ ޕެއާއެވެ. ދިވެހި ފިލްމުގައި މި ރޯލުތައް ކުޅުނީ ކުރީގެ ފިލްމީ ތަރި ރީކޯ މޫސާ މަނިކާއި ޔޫސޭއެވެ. ހިންދީ ފިލްމުގައި މި ކެރެކްޓަރ ކުޅެނީ ރަންވީރު ސިންގްއާއި ވަރުން ޝަރްމާއެވެ.

ދެ ފިލްމުގައި ވެސް ހިނގަނީ ދާދި އެއް ހާދިސާތަކެކެވެ. ވާހަކައިގެ ކުންނު ވެސް ދާދި އެއްގޮތެވެ. އެހެންނަމަވެސް ހިންދީ ފިލްމުގައި "ބެކްސްޓޯރީ" ނުވަތަ އެއްމާބަނޑު ދެ ބެއިން ވަކިވާން ޖެހުނު ސަބަބު، ތަފްސީލްކޮށް ކިޔައިދީފައިވެއެވެ.

އެއްގޮތް ކަންތައްތަކެއްގެ ގޮތުގައި ހިނގާ ބައެއް ކަންކަމަށް ބަލައިނާނަމެވެ.

ނިބޫ ފިލްމުގައި ވެސް އަދި ސަރކަސްގައި ވެސް އެއްކޮށް އުޅެނީ، އެއްމާބަނޑު ދެ ޕެއާއިން، ކޮންމެ ޕެއާ އަކުން އެކަކުއެވެ. ތިލަކޮށް ބުނާނަމަ، ދިވެހި ފިލްމުގައި ރީކޯއާއި ޔޫސޭގެ ދެ ޕެއާއެއް އުޅެއެވެ. ސަރކަސްގައި ރަންވީރާއި ވަރުންގެ ދެ ޕެއާ އުޅެއެވެ.

ސަރކަސް ފިލްމުގައި، ރަންވީރާއި ވަރުންގެ އެއް ޕެއާ، ބެންގަލޫރުން އޫޓީއަށް އަންނަނީ 500،000 ރުޕީސްގެ ލާރި ދަބަހެއް ހިފައިގެންނެވެ. އެ ލާރި ދަބަސް ގެއްލިދާނެތީއާއި، "ގޭންގު" މީހުންގެ އަތްދަށުވެދާނެތީ، ރަންވީރު ބިރުން އުޅެއެވެ. އެހެންމަވެސް ވަރުން އަކަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. ވަރުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ފަހަތުން ލާރިގަނޑު އަތުލައިގަންނަން "ގޭންގު" މީހުންނެއް ނޫޅެއެވެ.

ރެއިލަކުން އޫޓީއަށް އައުމަށްފަހު ރަންވީރާއި ވަރުން ޓެކްސީއަކަށް އަރަން ތައްޔާރުވެ، ޑްރައިވަރުގެ ގާތުގައި ދާންޖެހޭ އެޑްރެސް ބުނެއެވެ. އެހެންނަމަވެސް އެ އެޑްރެސްއަށް ގޮސް އެތަނުގައި މަޑުނުކުރާނެކަމަށް ޑްރައިވަރުގެ ގާތުގައި ބުނެއެވެ. ޑްރައިވަރަކީ "ގޭންގު" މީހަކަށް ވެދާނެތީއެވެ.

މި މަންޒަރު، ހަމަ މިގޮތަށް ދިވެހި ފިލްމުގައި ވެސް ފެނެއެވެ. ތަފާތު ވަނީ ކެރެކްޓަރުންގެ ނަމާއި، ފައިސާގެ އަދަދެވެ. ދިވެހި ފިލްމުގައި ގެންގުޅެނީ އެއްލައްކަ ރުފިޔާއެވެ. ހިންދީ ފިލްމުގައި ރޯއި އާއި ޖޯއި އެވެ. ދިވެހި ފިލްމުގައި ސޭޓު އާއި އަލީއެވެ.

މީގެއިތުރުން ފާހަގަވި އެއް މަންޒަރު ހިއްސާކޮށްލާނަމެވެ. އޫޓީގައި ދިރިއުޅޭ ރޯއިއާއި ޖޯއީގެ ޕެއާގެ ތެރެއިން، ރޯއި އުޅެނީ މީހަކާ އިނދެގެންނެވެ. ކައިވެންޏަށް ފަސް އަހަރު ފުރުމުން އެކަމުގެ އުފަލުގައި ރޯއި، އޭނާގެ އަންހެނުންނަށް ޑައިމަންޑް ހާރެއް އޯޑަރު ކުރެއެވެ. އެހެންނަމަވެސް އެ ހާރު ތައްޔާރުކުރުމަށް ވަގުތު ބޭނުންވާތީ އަދި އަނބިމީހާއާ މައްސަލަޖެހިފައި ހުރުމުން އެރޭ ރޯއި ހޭދަކުރީ ގެއިން ބޭރުގައެވެ. ހާރު ޑެލިވަރީ ކޮށްދޭނެކަމަށް އެ ފިހާރައިގެ ސޭޓު ބުނުމުންނެވެ.

ކަންދިމާކުރިގޮތުން ޑެލިވަރީކުރަން އައި މީހާއަށް ހާރު ދެވުނީ، ބެންގަލޫރުން އައި ރޯއީގެ އަތަށެވެ. އެ ހާރުގައި ނުހިފުމަށް ރޯއި ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޑެލިވަރީ ބޯއި ދިޔައީ ހާރު އެ ރޯއީގެ އަތަށް ދީފައެވެ. އެ ހާރު ނުލިބިގެން އޫޓީގައި ދިރިއުޅޭ ރޯއީ ވަރަށް ކަންބޮޑުވެގެން އުޅެއެވެ. އެކަމުގެ ޝަކުވާ ވެސް ކުރެއެވެ. އެ މައްސަލަ ފުލުސް އޮފިސަރަކާ ވެސް ހިއްސާކުރެއެވެ.

މި މަންޒަރު ވެސް ދިވެހި ފިލްމު ނިބޫއިން ފެނެއެވެ. ތަފާތު ވަނީ ލޮކޭޝަނާއި އުޅޭ މީހުންނެވެ. ދެން ހާރުގެ ބާވަތެވެ. ދިވެހި ފިލްމުގައި އުޅެނީ ރަން ހާރެއް ގެއްލިގެންނެވެ.

މިފަދަ އެތައް އެއްގޮތް ކަންތައްތަކެއް މި ދެ ފިލްމުގައި އެބަ ހުއްޓެވެ.

ސުވާލަކީ މުޅި ދުނިޔެއަށް މަޝްހޫރު ޑައިރެކްޓަރު، ރޯހިތު ޝެޓީ ދިވެހި ފިލްމެއް ކޮޕީ ކުރީތޯ؟ މިއީއެވެ. ޖަވާބަކީ ނޫނެކެވެ. ނިބޫއަކީ ވެސް އަދި ސަރކަސް އަކީ ވެސް 1982 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު، އަންގޫރުގެ ރީމޭކް އެކެވެ. އަންގޫރު ފިލްމުގެ ވާހަކައަކީ ވެސް އަމިއްލަ ވާހަކައެއް ނޫނެވެ. އެ ފިލްމު ހަދާފައި ވަނީ، ވިލިއަމް ޝެކްސްޕިއާގެ ތިއޭޓަރ ޕްލޭ، ތަ ކޮމެޑީ އޮފް އެރާސްގެ މައްޗަށް ބިނާކޮށެވެ.

https://www.facebook.com/100082731175122/videos/521221810194683