23:08 - ތުރުކީގެ ދެކުނަށް މިރޭ ދެވަނަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.8 ގައި ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ވަގުތަކީ ތުރުކީއަށާއި، ސޫރިޔާއަށްވެސް އިރާކޮޅުގެ ވަގުތެވެ.
މިރޭ ފުރަތަމަ އައި ބިންހެލުމާއި، ދެވަނަ ބިންހެލުމާއެކު، މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުން ތަކުގައި ގެއްލުން ލިބި، ނުވެއްޓި ހުރި އެތައް އިމާރާތެއް ވެއްޓި ބިމާ ހަމަވެފައިވާ ކަމަށް ތުރުކީގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. ނަމަވެސް، މީހަކަށް ކަމެއް ވީކަމެއް ހާމައެއް ނުކުރެއެވެ.
---
ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރިކްޓަރ މިންގަނޑުން 6.4 ގެ ބާރުމިން ހުރި މި ބިންހެލުން އައިސްފައިވަނީ ކުރިންވެސް މިމަހު ކުރީކޮޅު ބާރުގަދަ ބިންހެލުން އައި ތުރުކީ - ސޫރިޔާ ބޯޑަރު ސަރަހައްދަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންހެލުން އުފެދިފައިވަނީ ބިމުގެ ތިލަ ހިސާބުންނެވެ. އެއީ 2 މީޓަރު އަޑިންނެވެ.
މި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ ލޮޅުންތައް ތުރުކީގެ އަންޓަކިޔާއަށާއި، އަދަނާއަށްވެސް ކުރިއެވެ. މިއީ، ކުރީގެ ބިންހެލުންތަކުގައިވެސް ބޮޑެތި ގެއްލުންތައް ލިބުނު ރަށްތަކެވެ.
މި ފެބްރުއަރީމަހުގެ 6 ވީ ހޯމަދުވަހުގެ ފަތިހު ތުރުކީއަށާއި، ސޫރިޔާއަށް އައި، ރިކްޓަރ މިންގަނޑުން 7.8 އަދި 7.5 ގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 46،489 އަށް އަރާފައިވާއިރު، ތުރުކީން އެކަނިވެސް 40،689 މީހުން މަރުވެފައި ވެއެވެ. ސޫރިޔާއިން މަރުވިކަމަށް މިހާތަނަށް ކަށަވަރުވެފައިވަނީ 5،800 މީހުންނެވެ.
ބިންހެލުމާ ގުޅިގެން ތުރުކީއާއި، ސޫރިޔާއިން މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ މަގުމަތި ވެފައިވާއިރު، ބިންހެލުމުގެ އަސަރުކޮށް އިންސާނީ އެހީ ބޭނުންވާ މީހުންގެ އަދަދު 26 މިލިއަނަށް އަރާ ކަމަށް އދއިން އަންދާޒާ ކޮށްފައި ވެއެވެ.