ހޯމަ ދުވަހުގެ ރޭ ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 6.4ގެ ބާރުމިނުގައި އައި ބިންހެލުމުގައި ތިން މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.

ތުރުކީއަށާއި، ސޫރިޔާއަށްވެސް އިރާކޮޅުގެ ވަގުތުގައި ކައިރިކައިރީގައި ދެ ބިންހެލުމެއްވަނީ އައިސްފައެވެ. ފުރަތަަމަ ބިންހެލުމުގައި ރިކްޓަރ މިންގަނޑުން 6.4 ގެ ބާރުމިން ހުރިއިރު، ދެވަނަ ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 5.8 ގައި ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ދެ ބިންހެލުންވެސް އައީ ތުރުކީ އަދި ސޫރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށެވެ. އެއީ ތުރުކީގެ ދެކުނު އަދި ސޫރިޔާގެ އުތުރު ސަރަހައްދެވެ.

ދެވަނަ ބިންހެލުމާއެކު، މިހިނގާ ފެބްރުއަރީ މަހުގެ 6ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުން ތަކުގައި ގެއްލުން ލިބި، ނުވެއްޓި ހުރި އެތައް އިމާރާތެއް ވެއްޓި ބިމާ ހަމަވެފައިވާ ކަމަށް ތުރުކީގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރ ސުލައިމާން ސޮއިލޫ ވިދާޅުވީ މިހާދިސާގައި ތިން މީހަކު މަރުވެ 200އަށް ވުރެ ގިނަ މީހުން ޒަހަމުވެފައިވާ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންހެލުން އުފެދިފައިވަނީ ބިމުގެ ތިލަ ހިސާބުންނެވެ. އެއީ ދެ މީޓަރު އަޑިންނެވެ. މިބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ ލޮޅުންތައް ތުރުކީގެ އަންޓަކިޔާއަށާއި، އަދަނާއަށްވެސް ކުރިއެވެ. މިއީ، ކުރީގެ ބިންހެލުންތަކުގައިވެސް ބޮޑެތި ގެއްލުންތައް ލިބުނު ރަށްތަކެވެ.

މި ފެބްރުއަރީމަހުގެ 6 ވީ ހޯމަދުވަހުގެ ފަތިހު ތުރުކީއަށާއި، ސޫރިޔާއަށް އައި، ރިކްޓަރ މިންގަނޑުން 7.8 އަދި 7.5 ގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 46،489 އަށް އަރާފައިވާއިރު، ތުރުކީން އެކަނިވެސް 40،689 މީހުން މަރުވެފައި ވެއެވެ. ސޫރިޔާއިން މަރުވިކަމަށް މިހާތަނަށް ކަށަވަރުވެފައިވަނީ 5،800 މީހުންނެވެ.

ބިންހެލުމާ ގުޅިގެން ތުރުކީއާއި، ސޫރިޔާއިން މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ މަގުމަތި ވެފައިވާއިރު، ބިންހެލުމުގެ އަސަރުކޮށް އިންސާނީ އެހީ ބޭނުންވާ މީހުންގެ އަދަދު 26 މިލިއަނަށް އަރާ ކަމަށް އދއިން އަންދާޒާ ކޮށްފައި ވެއެވެ.

ތުރުކީ-ރޫރިޔާ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ދެ ބިންހެލުމެއް މިއައީ ދެ ޕްރޮވިންސެއް ފިޔަވައި، އެހެން ސަރަހައްދުތަކުން ރެސްކިއު ޓީމުތަކުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށެވެ. އެމަސައްކަތް ހުއްޓާލައި، ބައިނަލްއަގްވާމީ ގިނަ ރެސްކިއު ޓީމުތައްވަނީ ތުރުކީން ފުރާފައެވެ.