މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ މާދަރީބަހުގެ ދުވަހެވެ. އެކިއެކި މުޖުތަމައުތަކުގައި ވާހަކަދައްކާ އުޅެނީ އެކި ބަހުންނެވެ. ނުވަތަ ބަހުރުވައިންނެވެ. މިގޮތުން ދިވެހީން ވެސް ވާހަކަދައްކާ އުޅެނީ ވަކި ބަހަކުންނެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަހެވެ.
ދިވެހިބަހުން ވާހަކަދައްކާ ރައްޔިތަކު ދިރިއުޅޭ މިކުޑަކުޑަ ގައުމުގައި ވެސް، އެކި ހިސާބުތަކުގެ މީހުން ވާހަކަދައްކާ ރާގާއި ބަސްމަގުގައި ތަފާތުތަކެއް ހުރެއެވެ. ތަފާތު ބަހުރުވަތައް ދިވެހިބަހުގައިވެސް ހުރެއެވެ. ބަހުރުވަތަކަކީ ބަހެއްގެ އަހުލުވެރިން ދިރިއުޅޭ މާހައުލުތައް ތަފާތުވުމުގެ ސަބަބުން އުފެދޭ ބަހުގެ ގޮފިތަކެކެވެ. އެހެނީ ކޮންމެ ގައުމެއްގެ ބަޔަކުވެސް މުޢާސަލާތުކުރުމައްޓަކައި ރަސްމީބަހެއް ބޭނުންކުރާނެއެވެ. އެހެންނަމަވެސް ދިރިއުޅެންޖެހޭ ތަފާތު ތަންތަނާއި ވަކިވަކި ރަށްތަކުގެ ސަބަބަބުން އެއްބަހެއްގެ އަހުލުވެރިންގެ ވާހަކަ ދެއްކުމުގައިވެސް ތަފާތުތަކެއް އަންނާނެއެވެ. މިތަފާތުތަކުގެ ސަބަބުން ބަހުރުވަތައް އުފެދެއެވެ.
ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާއަކީ، ދުވާލު އިރު ފެންނަ ފަދައިން ދިވެހިބަސް ކަމާމެދު ދެބަސްވާނޭ މީހަކު މިއުޑުދަށުގައި ވާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. ބަހަކީ ގައުމިއްޔަތުގެ އެއް އަސާސެވެ. ގައުމެއް ކުރިއަރައިގެން ދިއުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. ޝައްކެތްވެސް ނެތް ގޮތުގައި ރާއްޖެ މިދެކޭ ތަރައްގީއާއި ތަމައްދުންއާ ގުޅިފައިވާ އެއް ކަމަކީ އަހަރެމެންގެ މާދަރީބަހެވެ. ދިވެހިބަހެވެ. ކޮންމެ ބަޔަކުވެސް ލިޔެ، ބުނެ، ހާމަކުރުމަށް ބަހަކަށް ބޭނުންވެއެވެ. ބަހަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ ދިވެހިބަހަކީވެސް ނުހަނު ބޭނުންތެރި ބަހެކެވެ. ދިވެހިބަހަކީ ދިވެހިންގެ ފަހުރެވެ. ދިވެހި ކާބަފައިން އެބަހަކަށްޓަކާ އެތައް ގުރުބާނީއެއްވެފައިވާ އަގުބޮޑު ހަޒާނާއެކެވެ.
"ދިވެއްސެކޭ ދިވެއްސެކޭ އަހަރެން މީ ދިވެއްސެކޭ، ދިވެހިބަހަށް އިސްކަންދޭ އަހަރެން މީ ދިވެއްސެކޭ"
އެކަމަކު އަދުގެ ޖީލަށް ބަލާއިރު ބައެއް މީހުންގެ ސިކުނޑީގައި މިކަން ނެތް ފަދައެވެ. ދިވެހިބަހުގެ މައްޗަށް ބޭރުބަސްތައް ގަދަކުރާ މަންޒަރު ފެންނަން ފަށައިފިއެވެ. އެންމެ ފުރަތަަމަ 'ހ، ށ،..." ދަސްކޮށްދިނުމުގެ ބަދަލުގައި ބެލެނިވެރިން ބަލަނީ ތުއްތު ދަރިންނަށް "އޭ، ބީ، ސީ..." ދަސްކޮށްދެވޭތޯއެވެ. ދިވެހި ރީތި ބަނދިތަކާއި ޅެމާއި ރައިވަރު އަދި ލަވަ ހުރިއިރު، ސްކޫލްގައި އެކުދިންނަށްް ކިޔައިދެނީ "ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓަރ..."އެވެ. ގިނަ މަދަރުސާތަކުގައި ކިޔަވައިދެނީ އިނގިރޭސި މީޑިއަމަށެވެ. ދިވެހި މުދައްރިސަށް ދަރިވަރުން މުހާތަބުކުރަނީ އަދި މުހާތަބުކުރުވަނީވެސް "މިސް" ނޫނީ "ސާރ"އޭ ބުނެ އިނގިރޭސިބަހުންނެވެ. މިއީ މާދަމާގެ ބޮޑެތިމީހުން ކަމަށްވާ އަދުގެ ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސައި ބަހާމެދު އެކުދިން އަހުލުވެރިކުރުވަން ލާޒިމުވާ މަދަރުސާތަކުގެ ހާލަތު ހުރި ގޮތް ކުރު ގޮތަކަށެވެ. މިހާ ހިސާބުން ދިވެހިބަހުގެ ކުރިމަގާމެދު ސުވާލު އުފެދެއެވެ. ދިވެހިބަހުގެ މައްޗަށް ބޭރުބަސްތައް މިގޮތަށް ގަދަކުރާ ނަމަ، މިބަސް ނެތި ހިނގައިދާނެތޯއެވެ؟
މިސުވާލަށް ވަރަށް ސާފު ސީދާ ޖަވާބެއް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަދި ދިވެހިބަހުގެ އުސްތާޛު ޑރ. އަޝްރަފް ޢަބްދުއްރަޙީމްވަނީ ދެއްވާފައެވެ. ޑރ. އަޝްރަފް ވިދާޅުވަނީ ދިވެހިބަސް ނެތިދާނެކަމަށް ހީވާހީވުން ގޯސް ކަމަށެވެ.
ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބަހެއް އުވިގެން ދާނީ މައިގަނޑު ދެ ސަބަބެއް މެދުވެރި ވެގެންނެވެ. އެއްކަމަކީ ޤުދުރަތީ ކާރިސާއަކުން އެބަހެއްގެ އަހުލުވެރީން އެކުގައި ނެތިގެން ދިޔުމެވެ. ދެވަނަ ސަބަބަކީ އެބަހެއްގެ އަހުލުވެރީންގެ އާބާދީ މަދުވުމެވެ.
"ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޑރ. އަޝްރަފް ވިދާޅުވީ، ދިވެހިބަހުގެ އަހުލުވެރީން އެކުގައި ނެތިގެންދިޔުންފަދަ ކަމެއް މިންވަރު ނުކުރެއްވުން އެދޭ ކަމަށެވެ. އަދި މަދު އާބާދީއެއްގައި ވާހަކަދައްކައި އުޅޭ ބަހަކަށް، އެހެން ބަހެއްގެ ނުފޫޒު އިންތިހާއަށް ފޯރާން ފަށައިފިނަމަ އެ ބައެއްގެ މާދަރީބަސް އުވިގެން ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވީ ނަމަވެސް، ދިވެހިބަހުން ވާހަކަދައްކާ ތިންލައްކައަށްވުރެ ގިނަ މީހުން ތިބިކަން ދިވެހިބަހުގެ ވިދާރާގެ ރައީސް ފާހަގަކުރެއްވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ، ބޭރު ބަސްބަހުގެ ނުފޫޒު ނުވަތަ އެހެން ބަސްބަހުގެ ނުފޫޒު ދިވެހިބަހުގެ މައްޗަށް އޮތުމުން ،ބަސް ނެތިދިއުމަށްވުރެ ބަސް އިތުރަށް މުއްސަނދިވެ ދިރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ދިވެހިބަހުގެ ތެރެއަށް އެހެން ބަސްތަކުގެ ތެރެއިން ލަފުޒުތައް ވަދެ، ދިވެހި ލަފުޒުތަކުގެ ގޮތުގައި ހަރުލާފައި ހުރުމެވެ.
ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަސް، މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ބަހުގެ މުހިންމުކަމާއި ބޭނުންތެރިކަން އަންގައިދީ ހޭލުންތެރިކަން އުފެއްދުމަށެވެ. ބަސް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.
ނޮވެމްބަރު 1999 ގައި ޔުނެސްކޯގެ އިންސާނީ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމުގެ ކޮންފަރެންސްގައި ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަކީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން 2000 ވަނަ އަހަރުން ފެށިގެން މާދަރީބަހުގެ ދުވަސް މުޅިދުނިޔޭގައި ދަނީ ފާހަގަކުރެވެމުންނެވެ.
އޮކްސްފޯޑް ޔުނިވަރސިޓީން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 7099 ބަހުން ވާހަކަދައްކަމުން ގެންދެއެވެ.