މިއަދަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްޠާލުންގެ ހިދުމަތްތަކުގެ ހަނދާން އައުކޮށް، އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އައްސުލްތޯނު އަލީ (6 ވަނަ) ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ.
ތާރީޚީ ލިޔުންތަކަށް ބަލާއިރު، މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، އަލީ ރަސްގެފާނު ރަސްކަން ކުރައްވާތާ ދެ މަހާ ފަނަރަ ދުވަސްވީތަނާ ޕޯޗުގީޒުންގެ ބަޔަކު ދިވެހިރާއްޖެއާ ދިމާކޮށްލިއެވެ. ވަރަށްގިނަ ނައުތަކެއްގެ މައްޗަށް އެކުލެވިގެންއައި މި ލަޝްކަރުގެ ވެރިޔަކަށްހުރީ އަނދިރިއަނދިރިން ކިޔާ މީހެކެވެ. ތާރީހީ ލިޔުންތަކުގައިވާ ގޮތުން މިއީ ދިވެހިރާއްޖެއާ ހަމަލާދިން ޕޯޗުގީޒުންގެ ތިންވަނަ އަދި އެންމެ ބޮޑު ލަޝްކަރު ވެސް މެއެވެ.
މާލެއާއި ދިމާލަށް އައި ޕޯޗުގީޒުން، މާލޭގެ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑު ބަޑިން ހަމަލާދޭން ފެށުމުން މާލޭންވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އެރުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ދިޔަވަރަކަށް ދުޝްމަނުންގެ ފޯރިކުޑަވެ، އެމީހުން އަތުގައިހުރި ކާބޯ ތަކެއްޗާއި، ބަޑިބޭހާއި އުންޑަ މަދުވިއެވެ. އަދި ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައިވެސް ދެކޮޅުވެރިކަމާ ހަމަނުޖެހުން އުފެދެމުން ދިޔައެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރުމަށެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާއުގެ މުހިންމު ތަނެއް ކަމުގައިވާ ބޮޑު ބުރުޒުގެ ވެރިޔަކަށް ހުރި ބ. އަތޮޅު އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ކީރިތި މަހާރަދުންނަށް ދެންނެވި ކަމަށްވަނީ، ދުޝްމިނުން ޖެހި ކޮންމެ އުންޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުންޑައެއް ޖަހާނެ ކަމަށެވެ. އަދުއްވުންގެ އުންޑައަކުންޖެހި ހުދު އޭނާ މަރުވެއްޖެކަން، ދެން ތިބި ހަތަރު މީހުން އައިސް ރަދުންގެ އަރިހުގައި ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ.
ބަޣާވާތްކުރަން ތައްޔާރަށްތިބި ބަޔަކު އައިސް ރަދުންގެ އަރިހުގައި ދެންނެވިކަމަށްވަނީ ރަދުންގެ އަމުރުފުޅެއްނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަ ނެގި ކަމަށެވެ. ދެން ދުޝްމަނުންގެ ބަޑީގެ އަޑާއެކު ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަނގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ހަބަރެވެ.
ފަތިސްވީއިރު އެމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަނގު އުތުރު ފަރާތު އަތިރިއަށް ޕޯޗުގީޒުން ފައިބައިފިއެވެ. އަލީ ރަސްގެފާނު އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވިއެވެ. ދެކޮޅުވެރި ޕޯޗުގީޒުންނާ ހަނގުރާމަކުރެއްވުމަށް ކުރިމަތިލެއްވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ހަމަ ސީދާ، އަލި ރަސްގެފާނެވެ. ދިވެހިންގެ ލަޝްކަރުގެ ފަހުލަވާނުން ޝަހީދުވަމުން ގޮސް، އެންމެ ތިން މީހުންނަށް ވީއިރުވެސް އަލީ ރަސްގެފާނު ހުންނެވީ އެ ސާބިތުކަންމަތީގައެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވައިފައި އީދު މިސްކިތާ ހަމައަށް ވަޑައިގެން، އެނބުރި ފަހަތް ބައްލަވައިލެއްވިއިރު، ބޮޑުވަޒީރާ، ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިނގައްޖެއެވެ. ދެން އަލީ ރަސްގެފާނު އެ ދެމީހުންނާއިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މީގެ ތިން ބޭފުޅުން ކަނޑިއާ އައްޑަނަ ހިއްޕަވައިގެން ޙަމަލާ ދެއްވިއެވެ.
ޕޯޗުގީޒުންގެ ލަޝްކަރުން ބަޑި ޖަހަން ފެށިއެވެ. ޖެހި ބަޑީގެ އުންޑަތަކުން ރަސްގެފާނާއި، ރަސްގެފާނުގެ އަރިހުގައި ތިބި އަނެއް ދެކަލުންވެސް ޝަހީދު ވެއްޖެއެވެ. މިބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެ ތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީއެވެ. އެއަށްފަހު، ޕޯޗުގީޒުންގެ ޓާގެޓަކަށްވީ ބާކީ ހުންނެވި ހަމައެކަނި ދިވެހި ފަހުލަވާނެއެވެ. ދިވެހީން އަބަދަށްޓަކައި އެ ރަސްގެފާނަށް ޝުކުރާ ތައުރީފު ކުރާނޭ، ގަދަފަދަ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުންގެ މީހުން މާލޭގެ މައްޗަށް ވެރިވެގަތެވެ.