ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ އަތްދަށުވެ، އެންމެފަހުގެ ރަނަރަޕް ލިވަޕޫލަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުން ރެއާލް ކުރިހޯދީ 2-5 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑާވިން ނުނޭޒްއެވެ. އޭގެ 10 މިނެޓުފަހުން މުހައްމަދު ޞަލާޙް ވަނީ ލިވަޕޫލުގެ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލްގެ ކީޕަރު، ތިބައު ކޯޓުއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސަލާޙް ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް އުއްމީދާއެކު ކުޅެމުންދިޔަ ލިވަޕޫލަށް ނުރައްކަލުގެ ރަނގަބީލުގެ އަޑުއިވުނީ، 21 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާގެ ހިތްގައިމު ލަނޑުން ރެއާލްއިން ފަރަގު ކުޑަކުރުމުންނެވެ. އޭގެ 15 މިނެޓުފަހުން ރެއާލްއިން ދެވަނަ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލްގެ ކީޕަރު އެލިސަން ފޮނުވާލަން މަސައްކަތްކުރި ބޯޅައެއް، ވިނީޝިއަސްގެ ފައިގައި ޖެހިފައި ގޮސް ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ރެއާލަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
މިއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
އައު ރޫހެއްގައި، އައު އަޒުމެއްގައި ދެވަނަ ހާފާ ކުރިމަތިލައި، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރެއާލުން އިތުރު ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގިއެވެ. މިއީ އޭރިއާގެ ލައިން ކައިރިން ލިބުނު ހިލޭޖެހުމަކުން، ލޫކާ މޮޑްރިޗް ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އެޑާ މިލިޓާއޯ ކާމިޔާބުކުރި ލަނޑެކެވެ.
އެޓޭކިންގް، ވަރުގަދަ ގޭމެއް ކުޅެމުންދިޔަ ރެއާލުން ހަތަރުވަނަ ލަނޑުޖެހީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މިދިޔަ ސީޒަނުގައި އެ ޓީމުން ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން، ކަރީމް ބެންޒެމާއެވެ. މިއީ ބެންޒެމާ ފޮނުވާލި ހަމަލާއެއް، ލިވަޕޫލްގެ ޑިފެންޑަރު، ގޮމޭޒްގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންގޮސް ގޯލުގެ ތެރެއަށް ވަދެގެން ބެންޒެމާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
މި މެޗުގައި ރެއާލްގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ބެންޒެމާއެވެ. 67 ވަނަ މިނެޓުގައި ބެންޒެމާ މި ލަނޑު ކާމިޔާބު ކޮށްދިނީ، ލިވަޕޫލްގެ ކީޕަރު ވެސް ބީޓުކޮށްލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭނާ ފޮނުވާލި ބޯޅައަށް ހުރަސް އެޅުމަށް ލިވަޕޫލުގެ ތިން ކުޅުންތެެރިއަކު ގޯލު ކުރިމަތީގައި ހަރަކާތްތެރިވި ނަމަވެސް، މި ކުޅުންތެރިންނަށް މި މަސައްކަތުގައި ކާމިޔާބީއެއް ނުލިބުނެވެ.
މި މެޗުން ހޯދި މޮޅާއެކު ރެއާލަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ އުއްމީދު ބޮޑުވިއިރު، ކުއާޓާގެ ޖާގަ ކަށަވަރުކުރުމަށް، މި ދެ ޓީމުގެ މެދުގައި ކުޅޭ ރައުންޑް އޮފް 16 ގެ ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ މެޗު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގެ މެޗުތަކުގައި ރެއާލްއިން ހޯދި ތަފާތު ކާމިޔާބީތަކާއެކު އެ ޓީމަށް، "ކަމްބެކް ކިންގްސް"ގެ ނަމުން ގިނަބަޔަކު މުހާތަބުކުރެއެވެ. އެގޮތުން އެ މުބާރާތުގައި، ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް ވަނީ 0-1 ގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެފައެވެ. އެހެންނަމަވެސް އެންމެން ހައިރާން ކޮށްލާ، ދެވަނަ ލެގުގައި ރެއާލުން ވަނީ 1-3 އިން ޕީއެސްޖީ ބަލިކޮށް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. އެއަށްފަހު ކުއާޓަރ ފައިނަލުގައި ރެއާލުން ޗެލްސީގެ މައްޗަށް ފުރަތަމަ ލެގުގައި ކުރިހޯދިނަމަވެސް، ދެވަނަ ލެގުގައި ހުރަސްތަކާ ކުރިމަތިވެ، މެޗުގެ ފަހުކޮޅާ ޖެހެންދެން އެގްރިގޭޓް ނަތީޖާއިން ވެސް ފަހަތުގައި އޮންނަން ޖެހުނެވެ. އެހެންނަމަވެސް ފަހު 15 މިނެޓުގެ ތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިގެން، އަނެއްކާ ވެސް އެގްރިގޭޓުން ކުރިހޯދައިގެން ރެއާލުން ސެމީގެ ޖާގައެއް ހޯދިއެވެ.
އެފަހަރުގެ ސެމީ ފައިނަލުގައި ވަރުގަދަ މެންޗަސްޓަރ ސިޓީއާ ދެކޮޅަށް ރެއާލް ނުކުތްއިރު، ސެމީގެ ފުރަތަމަ ލެގުން ރެއާލް ބަލިވީ 3-4 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި 1-3 އިން ސިޓީ ބަލިކޮށް ރެއާލުން ފައިނަލުގެ ޖާގައެއް ހޯދައި، މުބާރާތުގެ ތަށި އެ ޓީމުން އުފުލައިލީ ފައިނަލުގައި ލިވަޕޫލްގެ މައްޗަށް 0-1 އިން ކުރިހޯދައިގެންނެވެ.
ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން މިހާތަނަށް މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައިވެއެވެ. ދެން މި މުބާރާތް އެންމެ ގިނައިން ހޯދާފައިވަނީ އިޓަލީގެ އޭސީ މިލާނުންނެވެ. އެއީ ހަތް ފަހަރުއެވެ. ލިވަޕޫލާއި ޖަރުމަނުގެ ބަޔާން މިއުނިކުން މި މުބާރާތް ހަ ފަހަރަށް ކާމިޔާބުކޮށްފައިވެއެވެ.